މެމްބަރު ފަލާހަށް އާޒިމް ޙަމަލާދީފި!

ރައްޔިތުންގެ މަޖިލީހުގަ މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔައި ހުތިޖާޖުގެ ތެރެއިން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާޙުއަށް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޙަމަލާދީފިއެވެ.
ފޭސްބުކުގައި މިހާރުދައުރުވަމުންދާ ވީޑިއޯއަކުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިފަލާހަށް އާޒިމް ޙަމަލާދޭ މަންޒަރު ފެންނައިރު، ފަލާހުގެ އަތުގައި އާޒިމް ކޮނޑުން ދެފަހަރެއްގެ މަތިން ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އަދި އެއަށްފަހު އެކަންހުއްޓާލުމަށް ބައެއް މެމްބަރުން އެދުމުން އެމެމްބަރުންނާއި ދިމާލަށް އިނގިލިން އިޝާރާތްކޮށް، ހުތުރުބަސްތައް ގޮވައި އޭނާ ވާހަކަ ދައްކާފައިވާއިރު، އިދިކޮޅު މެމްބަރުން ވަނީ އެތަނުން އޭނާ ދުރުކޮށްފައެވެ.
މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއެޅުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ސިލްސިލާގޮތެއްގައި ކުރަމުންދާ މަސައްކަތުގެދަށުން، މިއަދުވެސް ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި މެމްބަރުންގެމެދުގައި ބަހުގެ ހޫނުޙަމަލާތައް ރައްދުކޮށްފައިވެއެވެ.
އިދިކޮޅު މެމްބަރުން މިއަދު މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ފަށާފައިވަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޖަލްސާއަށް ވަޑައިގެންނެވުމުން އެމަނިކުފާނާއި ވާހަކަދައްކާން ކަމަށްބުނެއެވެ. އެއަށްފަހު، އެމެމްބަރުންވަނީ ރިޔާސަތުގެ ވަށައިގެން ތިބި ސިފައިންނާއި ކުރިމަތިލާން މަސައްކަތްކޮށް މަޖިލީހުގެ ތަޅުމުގެ ހަމަނުޖެހުން ހިންގާ ބޭއަދަބީ ބަހުން ވާހަކަ ދައްކަވާފައެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) ހަމަޖެއްސެވުމުގެ މައްސަލައާއި އަޔޯރާގައި ބައިވެރިވުމުގެ މައްސަލައެވެ.
ނަމަވެސް އިހުތިޖާޖާ ގުޅިގެން ސިފައިންގެ އެހީއާއެކު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދުވެސް ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ