ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި އެހީވާން ޖެހޭ: ގާސިމް

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ދީނުގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ގާސިމް މިހެން ވިދާޅުވީ، ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު ރާއްޖޭގައި ވަޅުލުމަށް އެ ގައުމުން އެދުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ގާސިމް ވިދާޅުވީ، ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރައްކާތެރިކަމާ އެކު ދީނުގައިވާ ގޮތަށް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ދީނުގައިވާ ގޮތުގެ މަތިން ކުރުމަށް ފުރުސަތު ނުލިބި އެ ހަށިތައް އަންދަމުން ދާނަމަ، ރާއްޖެއިން އެކަމުގައި ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމަށް ގާސިމް އެދިވަޑައިގަނެއެވެ.
ގާސިމް މިހެން ވިދާޅުވެފައި ވާ އިރު، ސަރުކާރުގެ ކޯލިޝަންގެ ލީޑަރުންގެ ތެރެއިން އެމްއާރްއެމްގެ ލިޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ރާއްޖޭގައި އެފަދަ ޖަނާޒާގެ ކަންކަން ކުމުރުމާ ދެކޮޅު ހައްދާވަފާއެވެ. ރައީސް މައުމޫނު ވިދާޅުވެފައި ވަނީ ކޮންމެ ގައުމެއްގެ ކޮންމެ ދީނެއްގެ މެހެމާނަކަށް ވެސް ރާއްޖެއިން އުފަލާއެކު މަރުހަބާ ކިޔާ ބާއްޖަވެރި ހުރުމަކަށް އެދިވަޑައިގެންނެވި ނަމަވެސް ކޮވިޑުގައި މަރުވާ މީހުންގެ ގަބުރު ރާއްޖޭގައި ވަޅުލަން ގެނައުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް މައުމޫން އެހެން ވިދާޅުވި ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ލަންކާ މީހުން ވަޅުލަން ގެންނަން ތާއިދު ކޮށްފައެވެ. އެގޮތުން އެމިނިސްޓްރީން ވަނީ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ދީނީ ވާޖިބެއް ކަމަށް ފާހަގަ ކޮށްފައެވެ.
ކޮވިޑް ބަލީގައި ލަންކާއިން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާތީ އެފަދައިން އެ ގައުމުގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ސީޓީއެއް ފޮނުއްވާފައެވެ. އެހެންކަމުން އެކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުންނެވެ.
ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަނީ އަންދާލައިގެންނެވެ. ނަމަވެސް އެއީ މުސްލިމުންގެ އަގީދާއާ ހިލާފު ކަމެއް ކަމުން، އެކަމުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ