މިދިޔަ އަހަރު އެންމެ ޕީކް ދުވަސްވަރު ކަރަންޓު ނުކެނޑި ހިދުމަތްދިނުމަކީ ތާރީހުގައި ލިޔެވޭނެ ކަމެއް: މުޣުނީ

އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި، ހިދުމަތްދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިންވެސް ލިޔެވިގެން ދާނެ ފަހުރުވެރި މަސައްކަތްތަކެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
މުޣުނީ މިހެން ވިދާޅުވީ، މިފެށުނު 2021 ވަނަ އަހަރު ފުރަތަމަ މަސައްކަތު ދުވަހު ސްޓެލްކޯގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ލައިވް ސްޓްރީމް މެދުވެރިކޮށް އެ ކުންފުނިން ބަލަހައްޓަމުންގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުންނެވެ.
މުޣުނީ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައިވެސް ނިމިދިޔަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް ކަމަށެވެ.
މިދިޔަ އަހަރު ނިމިގެން ދިޔައިރު އެ ކުންފުނީގެ މަސައްކަތްތަކުގެ މައްޗަށް ނަޒަރު ހިންގައި ބަލައިލަން ޖެހޭ ކަމަށާއި އަދި ކުރިއަށް ކަނޑައަޅަންވާ މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަންނަން ޖެހޭ ކަމަށް މުޣުނީ ވިދާޅުވި އެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލުކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅައި މިސްރާބު ހިފަންޖެހޭ ކަމަށާއި ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
ކޮވިޑްގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވީއިރުވެސް، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެތެރޭގައި 220 މުވައްޒަފުން ފުރަބަންދުވެގެން މަސައްކަތްކުރިކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އާއިލާއާ ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަން ޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ގައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރިވުމުގައި ނަމޫނާ މިސާލެއްކަމަށް ވިދާޅުވި އެވެ.
"ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މި ކުންފުނި ޝާމިލުވެ އަމަލީގޮތުން މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ އެންއީއޯސީގެ އެކި ހިދުމަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތްކޮށްފައިވާ ކަން މި ފާހަގަކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރިވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައިވާނެ" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް މުޣުނީ ވިދާޅުވީ ކޮވިޑުގެ އުނދަގޫ ދަނޑިވަޅުގައި މެދުނުކެނޑި ކަރަންޓު ފޯރުކޮށްދިނުމާއި، ވޮލަންޓިއާ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވާހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި، ހިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިންވެސް ލިޔެވިގެން ދާނެ ފަހުރުވެރި މަސައްކަތްތެއް ކަމަށެވެ. އަދި ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައިވާ "ފިފްތު ޕަވާ މަޝްރޫއު" އާއި "އިންޓަ ކަނެކްޝަން" މަޝްރޫއު މަސައްކަތް ވެސް ނުހުއްޓި، އެ ހާލަތުގައިވެސް ކުރިއަށްދިޔަކަން މުޣުނީ ވަނީ ފާހަގަކުރައްވައިފަ އެވެ.
ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާކުރުމާއި ސޯލާގެ ވިޔަފާރި ފުޅާކުރުމަށް ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް "ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް" ގެ ނަމުގައި ނިމުނު އަހަރު އެންމެ ފަހު މަސައްކަތު ދުވަހު ލޯންޗް ކުރެވި، އެއީ މި ސިނާއަތަށް މި ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، ސްޓެލްކޯގެ ހިދުމަތުގެ 70 އަހަރު ފުރުން ފާހަގަކުރުމުގެ ގައުމީ ޖަލްސާއަށް ވަޑައިގެން މި ސިނާއަތުގައި އަމިއްލަ އުފެއްދުމާއި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ކުރެއްވި އުއްމީދު ހަގީގަތަށް ހެދުމަށް ކުރެވިގެން ދިޔަ ވަރަށް ފަންނުވެރި އަދި ބިނާކުރަނިވި މަސައްކަތެއް،" މުޣުނީ ވިދާޅުވިއެވެ.
ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މިއަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އާ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި، ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުންކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ