ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް، ކުނީގެ ފީ ޔުޓިލިޓީ ބިލަކަށް ލުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ވަރަށް ގިނަ ކަމަށާއި، އެކަމަށް ހައްލު ގެނައުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތަށް އޮތް އެންމެ ބޮޑު ހައްލަކީ ކޮންމެވެސް ޔުޓިލިޓީ ބިލެއްގެ ތެރެއަށް އެބައި ލައިގެން ކުރިއަށް ގެންދިއުން ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ވާހަކަ ދައްކާ އިރު ވެސް ދަތިތަކެއް އެބަހުރި ކަމަށާއި، އެހެންނަމަވެސް މިއީ ކުރެވިދާނެ ކަމެއް ކަމަށް މުރުތަޟާ ވިދާޅުވިއެވެ.
ވެމްކޯއާއި އެކު އެކަން ކުރުމަށްޓަކައި ކޮން ޔުޓިލިޓީއަކާ އެއްކޮށްތޯ ކުރިއަށްދާނީ އެއީ އެއްގޮތް ނުވަތަ "ޕޭ އޭސް ޔޫ ތްރޯ" ނުވަތަ ކުނި އުކާލާ އިރު އެއަށް ފައިސާ ދެއްކުން. ވެމްކޯއަށް ތައާރަފްކުރަންވީ ޑަސްބިން ބޭގެއް ނުވަތަ ކުނިއަޅާނެ ވަކިކަހަލަ ކޮތަޅެއް. އެ ކޮތަޅުގައި ނޫނީ އަޅުގަނޑުމެން ކުނި އުކާ ނުލާނަމޭ. އެހެންކަމުން ކުނި އުކާލާނަމަ އެ ކޮތަޅު ގަންނަން ޖެހޭނެ. އެއިރުން ކުނި އުކާލާ އިރު ވެމްކޯއަށް ފައިސާ ދެއްކިފައި އެހުރީ. މިކަހަލަ ގޮތްތަކެއް އެބަހުރި އަދިވެސް އިތުރު ގޮތްތަކެއް ބަލަމުން މިދަނީ،
~ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ
ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށް މުރުތަޟާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޓެކްސްގެ ގާނޫނު ބުނާގޮތުން ކުނި މެނޭޖް ކުރުމަކީ ޔުޓިލިޓީގެ ހިދުމަތެއް ނޫން ކަމަށާއި، އެ ސަބަބާއި ހުރެ ވެމްކޯއަށް އިތުރު ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި ވެމްކޯގެ ބިލް އެއްވެސް ބަޔަކަށް އިންވޮއިސްކޮށްފިނަމަ ޖީއެސްޓީ ނަގަން ޖެހޭ ކަމަށާއި، ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން ޔުޓިލިޓީއަކުން ޖީއެސްޓީއެއް ނުނެގޭނެ ކަމަށެވެ. އަދި ސްޓެލްކޯ ފެނަކަ ފަދަ ތަންތަނުން ޖީއެސްޓީ ދައްކަން ނުޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް ވެމްކޯއަށް އެބަޖެހޭ ޖީއެސްޓީ ދައްކަން. އެހެންކަމުން އެކަމަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. އެއްގޮތަކީ ޓެކްސްގެ ގާނޫނަށް ބަދަލުގެނައުން. އެގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން ކުނިމެނެޖްކުރުމާއި ބެހޭ ގާނޫނަށް ގެންނަންޖެހޭ ޑްރާފްޓް ކޮށްފައި. މިވަގުތު ސަރުކާރުގެ ޕޮލިސީތަކަށް މިއައި ބަދަލާއި ގުޅިގެން އެންޑޯޒް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން މިދަނީ. ވަރަށް އަވަހަށް މި އަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވާލެވޭނެ ކަމަށް މިބަލަނީ. ވެމްކޯއަކީ ވަރަށް އާ ކުންފުންޏެއް އަދި ފައިސާގެ ދަތިކަންވެސް ހުރި ކުންފުންޏެއް. ސަރުކާރުގެ ހުރިހާ ކުންފުންޏެއްގައި ވެސް މައްސަލަތައް ހުރޭ އެހެންނަމަވެސް ވެމްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މަސައްލައަކީ މާލޭގައި ރަޖިސްޓަރ ކުރި ފަރާތްތަކުން ވެސް 30 އިންސައްތަ މީހުން ވެސް ފައިސާ ނުދައްކާ ކަމަށް. އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން،
~ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ
މުރުތަޟާ ވިދާޅުވީ ކުނި ރަނގަޅުގޮތުގައި މެނޭޖް ކުރެވޭނީ އުފައްދާ ފަރާތުން އެކަމަށް ޒިންމާ ވެގެން ކަމަށާއި، ޒިންމާ ވުމަކީ އެމީހަކު ކުނި އުފައްދައިފިނަމަ ކުނި ރަނގަޅު ގޮތުގައި ނައްތާލުމަށްޓަކައި ފައިސާ ދައްކައިގެން ކަމަށެވެ. އަދި ޒިންމާވުމަކީ ކުނި ކޮތަޅު ނަގާފައި މަގުމަތީގައި ބެހެއްޓީމަ ވެމްކޯއިން އެ ކުނި ނެގުމެއް ނޫން ކަމަށާއި، ވެމްކޯއަށް ވެސް ދެމުންދާ ހިދުމަތަށް އަގެއް ނުލިބޭނަމަ ދެމި ނޯވޭނެ ކަމަށް މުރުތަޟާ ފާހަގަ ކުރެއްވިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުނި އުކަން ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން 20 ޕަސަންޓު ގެތަކުން ވެސް މަހު ފީ ނުދައްކާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ފައިސާ ދެއްކުމުގެ މައްސަލަ އަކީ ވެމްކޯ އުފެއްދީއްސުރެ އަބަދުވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން އައި އިގްތިސޯދީ ދަތިކަމުގެ ފީ ނުދައްކާ މައްސަލަ ވަކިން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ގާތްގަނޑަކަށް 34،000 ގޭބީސީ ހުރި އިރު އޭގެ ތެރެއިން ވެމްކޯ އިން ކުނި އުކަން ރަޖިސްޓްރީކޮށްފައިވަނީ 19،000އެއްހާ ގޭބީސީން ކަމަށެވެ.
މީގެ ކުރިން ވެމްކޯ އިން ކުނި ނަގަނީ ކޮންމެ ގެއެއްގެ ވެސް ދޮރާ ހަމައިންނެވެ. ވަކި ވަކިން ފްލޯތަކަށް އަރައި ހިދުމަތް ދެމުން އައި އިރު ރަޖިސްޓްރީކޮށްފައިނުވާ ގެތަކަށް ހިދުމަތެއް ނުދެއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން ވަނީ ކުނި އުކާ ވަކި ގަޑިއެއް ކަނޑައަޅާ އެގަޑި އަކަށް ކޮންމެ ގެއެއްގެ ވެސް ހުރިހާ ފްލޯއެއްގެ ކުނި އެބަޔަކު އަމިއްލައަށް ތިރީގައި ބަހައްޓާ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ