ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގައި ކެންސަރަށް ފަރުވާހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހަައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމު ވަނީ ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ކެންސަރު ބައްޔާއި އަދި އެނޫން ވެސް އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަމަށް މިހާރަށްވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނާއެކު މަޝްވަރާ ކުރައްވައިފަ އެވެ.
އޭގެ އިތުރުން ފަރުވާ ހޯދުމުގައި ބަލިމީހުންނަށް މިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރުމުގައި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.
ބައްދަލުކުރެއްވުމުގައި ކެންސަރު ސޮސައިޓީން ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާއި އެ ބައްޔާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާ ކުރައްވައިފަ އެވެ.
ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ސިއްހީ ދާއިރާގެ އިސްވެރިން ވެސް ވަނީ ކެންސަރު ބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުން ތަމްސީލުކުރައްވާ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި އަދި މިހާރު ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ