ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ޕާކިސްތާންގެ 11 ކުށްވެރިއަކު ޕާކިސްތާނަށް އަނބުރާ ފޮނުވާލަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ކުށްވެރިން އަނބުރާ ޕާކިސްތާނަށް ފޮނުވާލުމަށް ދެގައުމުގެ ސަރުކާރުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްބަސްވުން އެކުލަވާލާފައިނުވާ ކަމަށާއި އެ އެއްބަސްވުން އެކުލަވާލެވިފައިނުވަނީ އެފަދަ ކަމެއް ކުރުމުގެ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށާއި މަޖިލީހުން އެކަން ފާސް ކުރެވުމުން އެކަން ލަސްތަކެއް ނުވެ ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި އެގޮތަށް ސަރުކާރުން ނިންމެވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ "ގުޑް ވިލް ޖެސްޗަރ" އެއްގެ ގޮތުގައި ކަމަށެވެ.
"މި ދަތުރުފުޅާ ގުޅިގެން އަޅުގަނޑުމެން ސަރުކާރުން ނިންމާފައި މިވަނީ ރާއްޖޭގެ ޖަލުތަކުގައި ތިބި 11 ޕާކިސްތާން ކުށްވެރިޔަކު ދޫކޮށްލުމަށް. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ ދާދި ފަހުން ގާނޫނީ އާ އޮނިގަނޑެއް އެކަމަށް ކަނޑައެޅި، އެ މުއްދަތުތައް ފަހަނައަޅައި ދިއުމާ ގުޅިގެން އަޅުގަނޑުމެން އެފަދަ އެއްބަސްވުމަކަށް ޕާކިސްތާން ސަރުކާރާ އެއްކޮށް، އެއްބަސްވުމުގެ މަޝްވަރާތައް ވަރަށް ދުވަސް ވެއްޖެ ހިނގާތާ. އިރާދަ ކުރެއްވިއްޔާ މި އެއްބަސްވުމުގެ ހުރިހާ ކަމެއް ނިމިގެން އެ އެއްބަސްވުމުގެ އޮނިގަނޑުގެ ތެރެއިން މި 11 ކުއްވެރިން އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި ޕާކިސްތާނުގެ ޖަލުތަކުގައި ތަންފީޒު ކުރާ ގޮތަށް އެމީހުންގެ ރަށަށް އަނބުރާ އެމީހުން ޑީޕޯޓު ކޮށްލެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ދަތުރުފުޅުގައި ޕާކިސްތާނާ އެކު މައިގަނޑު 4 ދާއިރާއަކުން އެއްބަސްވުންތަކެއް ގާއިމް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ތައުލީމީ ދާއިރާއިން އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއި ސިއްހީ ދާއިރާ އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތައް ގާއިމް ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ޖަލުތަކުގައި ތިބި ޕާކިސްތާން ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ