2018 ގެ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރާނަން – އަދީބު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ދެ ބައިއިލެކްޝަން ސަރުކާރު ހިންގާ ކޯލިޝަނުން ކާމިޔާބުކުރުމުން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބު ވިދާޅުވީ އިންތިޙާބުތައް ކާމިޔާބު ވަނީ ސަރުކާރަށް ތާއިދު އޮތީމާ ކަމަށެވެ.
މިއީ %25 ގެ ސަރުކާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ކިޔަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ އެގޮތައް ނުކިޔޭނެ ކަމަށެވެ.
މިއަދު ބޭއްވި ބައިއިލެކްޝަންގެ ތެރެއިން ދ.މީދޫ ދާއިރާގެ ކައުންސިލް އިންތިޙާބު އެމްޑީއޭ އިން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީ އާއި ވާދަކޮށް 300 ވޯޓަށް ވުރެ ބޮޑު ތަފާތަކުންނެވެ.
އަދި ހއ.މުރައިދޫ ކައުންސިލް ބައިއިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓް އަކާއި ވާދަކޮށް 50 ވޯޓަށްވުރެ ބޮޑު ތަފާތަކުންނެވެ. މިއިންތިޙާބުގައި އެމްޑީޕީ ކެނޑިޑޭޓް 3 ވަނަ އަށް ދިޔައިރު ޕީޕީއެމް ކެންޑިޑޭޓް އާއި ދެމެދު 100 އަށްވުރެ ގިނަ ވޯޓްގެ ފަރަގެއް ހުއްޓެވެ.
މިއަދު ޕީޕީއެމުން ކާމިޔާބުކޮށްފައިވަނީ ދ.އަތޮޅު ކައުންސިލް މެމްބަރު ގޮނޑިއާއި ހއ.މުރައިދޫ ކައުންސިލް ގޮނޑިއެވެ.
އަދީބު ވިދާޅުވީ މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުން ތިބީ ސަރުކާރާއި އެކު ކަމަށާއި އެކަން ވޯޓް ފޮށިތަކުން ދައްކަައިދެމުންދާކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ޕީޕީއެމް ދޫކޮށް ދިއުމަކީ އެޕާޓިއަށް ލިބުނު އެއްވެސް ގެއްލުމެއް ނޫން ކަމަށްވެސް އަދީބު މިއަދު ވިދާޅުވިއެެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބުރާހިމް ޝުޖާއު ވިދާޅުވީ ވޯޓުން ދައްކަނީ އެމްޑީޕީ އަށް އޮތް ތާއިދު މިހާރު އާއްމު ރައްޔިތުން ތެރޭ ދަށްވަމުންދާކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ