ޔާމީން 2018 ފުޓްސަލް ޗެލެންޖް: ރޭގެ މެޗުތައް ގޯދިޔާ، ޒެފިއާ މައްޓޭ، އަބާނީ އަދި މައިލޯ ސިޓީއަށް

އައްޑޫ ސިޓީ ފޭދޫގައި ކުރިއަށްދާ ޔާމީން 2018 ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ގޯދިޔާއާއި، ޒެފިއާ މައްޓޭ، އަބާނީ އަދި މައިލޯ ސިޓީ އެފްސީއިން ކާމިޔާބުކޮށްފި އެވެ.
ފޭދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި މޯނިންގް ސްޓާ އަތުން ގޯދިޔާ މޮޅުވީ 10-4 ލަނޑުންނެވެ. މިމެޗުގައި ގޯދިޔާއިން ކާމިޔާބުކުރި ދިހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު އަހްމަދު ޒާހިރު (ރޮނާ) ކާމިޔާބުކޮށްދިންއިރު، ހަސަން އަތޫފް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. ގޯދިޔާއަށް ޝިޔާޒްއާއި، ޝަމީލްއާއި، އަޒްމީލް އަދި އަހްމަދު ނާދިރު (ޗިއްޅަ) ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
މޯނިންގް ސްޓާއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ހަބީބް ތިން ލަނޑު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަޝްރަފް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގޯދިޔާގެ އަހްމަދު ޒާހިރު (ރޮނާ) އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ނޯނާ ސްޓްރީޓް އަތުން ޒެފިއާ މައްޓޭ މޮޅުވީ 5-4 ލަނޑުންނެވެ. މިމެޗުގައި ޒެފިއާ މައްޓޭއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ރާއިފް އަހްމަދު ކާމިޔާބުކޮށްދިންއިރު، އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އިންޝަލްއާއި ހަބީބް އެވެ.
މެޗުގައި ނޯނާ ސްޓްރީޓްއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ޝާމިލް އަލީ ކާމިޔާބުކޮށްދިންއިރު، އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ޝުއާއުއާއި އަހްމަދު އިބްރާހިމް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒެފިއާ މައްޓޭގެ ރާއިފް އަހްމަދު އެވެ.
ރޭ ކުޅުނު ތިންވަނަ މެޗުގައި ޔުނައިޓެޑް ފޭދޫއާ ވާދަކޮށް އަބާނީ ކުރި ހޯދީ 9-8 ލަނޑުންނެވެ. މިމެޗުގައި އަބާނީއިން ކާމިޔާބުކުރި ނުވަ ލަނޑުގެ ތެރެއިން ފަސް ލަނޑު ޝާމިން ކާމިޔާބުކޮށްދިންއިރު، ޝިހާން ދެލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ސުނާދުއާއި އަފްޝީން ވެސް އަބާނީއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
މެޗުގައި ޔުނައިޓެޑް ފޭދޫއިން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު އަލީ ޝިނާޒް ކާމިޔާބުކޮށްދިންއިރު، މިރުޒާދުއާއި ހުސާމް، ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ސަބާހު ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަބާނީގެ ހުސައިން ޝާމިން އެވެ.
މިމުބާރާތުގެ ރޭ ކުޅުނު ފަހު މެޗުގައި އެފްސީ އެމްޕީގެ މައްޗަށް މައިލޯ ސިޓީ ކުރި ހޯދީ 9-3 ލަނޑުންނެވެ. މިމެޗުގައި މައިލޯ ސިޓީއިން ކާމިޔާބުކުރި ނުވަ ލަނޑުގެ ތެރެއިން ހަސަން އަލްފާފް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިރާހު ދެލަނޑު ކާމިޔާބުކުރި އެވެ. އަދި ނަދީމްއާއި، މަމްނޫންއާއި، އަހްމަދު ހަބީބު، މިއިން ކޮންމެ ކުޅުންތެރިޔަކު މައިލޯ އެފްސީއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
މެޗުގައި އެފްސީ އެމްޕީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝިނާލްއާއި، އައިކް އަދި އަސީރު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މައިލޯ ސިޓީގެ ހަސަން އަލްފާފް އެވެ.
މިމުބާރާތުގައި ޖުމްލަ 15 ޓީމު ބައިވެރިވެފައިވާއިރު، އެ ހަތަރު ޓީމު ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. މިމުބާރާތަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ)ގެ އިސްނެގުމާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޒުވާނުންނަށްޓަކައި ކޮށްދެއްވަމުންދާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މިމުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މުބާރާތް ކުރިއަށްދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ބޮޑު އެއްބާރުލެއްވުމަކާއެކުގައި ކަމަށެވެ.
ޔާމީން 2018 ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ “ވަގުތު” އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ