ޝީރީންގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރަން ނިންމައިފި

މަރާލުމަށް ފަހު ކުނިތަކެއްގެ ތެރެއަށް އެއްލާލާފައިވާ އޮއްވައި ފެނުނު މަރިޔަމް ޝީރީން މަރާލުމުގެ ދައުވާ އުފުލި ޝީރީންގެ ކުރީގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ ވިދާޅުވީ، މައްސަލަ އިސްތިއުނާފު ކުރަން ނިންމީ އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ސަބަބުން ގަރީނާގެ ގޮތުގައި ފުލުހުން ހޯދާ ތަކެތީގެ ބުރަދަނާ މެދު ސުވާލު އުފެދޭނެތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ޝީރީން މަރާލި ކަމަށް ނަޖާހުގެ މައްޗަށް ދައުލަތުން ދައުވާ ކުރި ނަމަވެސް، ޝީރީންގެ މަރުގެ ހަޤީޤީ ސަބަބު، ޝީރީންގެ ހަށިގަނޑު ބެއްލެވި ތިން ޑޮކްޓަރުންނަށްވެސް ބުނެދޭން ނޭނގުނު ކަމާއި، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހަށިގަނޑު ކުނިވާން ފަށާފައިވާތީ އޭނާއަށް ޖިސްމާނީގޮތުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަން ވެސް ބޭރު ފުށުން ބަލާފައި ބުނެދޭން ނޭނގޭތީ ޕޯސްޓްމޯޓަމެއް ހެދުމަށް ޑޮކްޓަރުން ލަފާދިން ކަމަށެވެ. އެހެން ނަމަވެސް ޑޮކްޓަރުންގެ ލަފަޔާއި އެއްގޮތަށް ޕޯސްޓްމޯޓަމް ހެދިކަން ނޭނގޭ ކަމަށް ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ނަޖާހު ޝީރީން މަރާލި ތަން ދުށް ކަމަށް އެއްވެސް މީހަކު ސީދާ ހެކިބަސް ނުދޭކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ނަޖާހުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް ޕީޖީ ވިދާޅުވީ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ގިނަ އަދަދެއްގެ ގަރީނާތަކެއް ހުށަހަޅާފައި ވާކަމަށެވެ. އެހެންނަމަވެސް އެ ގަރީނާތައް ބަލައިގަތުމާ މެދު ހުކުމުގައި ގޮތެއް ނިންމާފައި ނުވާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގަރީނާގެ ގޮތުގައި ފުލުހުން ހޯދާ ހެކިތަކުގެ ބުރަދަނާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭނެ ކަމަށެވެ. އެހެންކަމުން އެ ހުކުމް ދައުލަތުން ބަލައިނުގަންނަ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރަހާގޭގައި ހިމެނެނީ ޝީރީން އާއި ނަޖާހާއި އެކު އެއް އެޕާޓްމެންޓެއްގައި އުޅުނު މިރުފަތު ހަނީފާއި، ޓެކްސީ ޑްރައިވަރެއް ހިމެނެއެވެ. މި ޓެކްސީ ޑްރައިވަރަކީ ބަރު ފޮށްޓެއް ހިފައިގެން އަންގާގިރި ކައިރިއަށް ނަޖާހު ދިޔަ ޓެކްސީގެ ޑްރައިވަރެވެ. މީގެ އިތުރުން ނަޖާހުގެ ކުރީގެ އަންހެނުންވެސް ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.
ޝީރީންގެ ހަށިގަނޑު ފެނުމުގެ ފަސް ވަރަކަށް ދުވަސް ކުރިން ޝީރީން މަރާލާނެ ކަމުގެ އިންޒާރު ނަޖާހު ދީފައިވާ ކަމަށް އޭނާގެ ކުރީގެ އަނބިމީހާ ހެކި ބަސް ދީފައި ވާއިރު، ނަޖާހް އަނިޔާކުރާ ވާހަކަ އާއި ނަޖާހް އަތުން މަރުވާނެ ކަމަށް ޝީރީން ބުނެފައިވާ ކަމަށް ވެސް ޝަރީއަތުގައި މީހަކު ވަނީ ހެކިބަސް ދީފައެވެ.
ޝަރީޢަތުގައި ހެކިބަސް ދެމުން ޓެކްސީ ޑްރައިވަރު ބުނެފައި ވަނީ ނަޖާހު ގެންގުޅުނު ބަރު ފޮށި އޭނާގެ ކާރަށް އެރުވި ފަހުން އެ ކާރުގެ ޑިކީގައި ނުބައި ވަހެއް ދުވާ ކަމަށެވެ. ފުލުހުން ވަނީ އެ ކާރުން ޝީރީންގެ ހަށިގަނޑުގެ ދިޔަ ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ.
ޕީޖީ ވިދާޅުވީ މި މައްސަލަ އިސްތިއުނާފު ކުރާނީ މައްސަލައިގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމުގައި ވީނަމަވެސް، މިހާރުވެސް އިސްތިއުނާފު ތައްޔާރުކޮށްފައި ބޭއްވުމަށް ވިސްނުން ހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ