މެއި 5 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރެވުނު ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕްބަލިކް އެފެއާޒް އެގްޒެކްޓިވް ސޮބާހް ރަޝީދުގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ސޮބާހް ހައްޔަރުކޮށްފައިވަނީ ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މެއި އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
މިއަދު ހައި ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފުގެ މައްސަލައިގައި އެކޯޓުން ބުނެފައި ވަނީ ސޮބާހު ރަޝީދު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައިކަން އެ ކޯޓުން ކޮށްފައިވާ ހުކުމުން އެނގޭ ކަމަށާއި، އަދި އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކާ ވާނެ ގޮތް ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއިން، ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓުންނާއި މޭޑޭގެ މުޒާހަރާގައި ސޮބާހު ރަޝީދު ދައްކާފައިވާ ވާހަކަ އިން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން މޭޑޭގެ މުޒާހަރާގައި ސޮބާހް ރަޝީދު ދައްކާފައިވާ ވާހަކައަށް ބަލާ އިރު، އެއްވެސް ބޭފުޅަކު ފަހަތަށް ނުޖެހުމަށާއި ﷲގެ މަގުގައި ކުރިއަށް ދިއުމަށް ގޮވާލާފައިވާ ކަމަށާއި އަދި އޭނާގެ އިރުޝާދުގެ މަތިން އިސްލާމީ މަރުކަޒަށް ނަމާދަށް ދިއުމަށް ކަމަށް ބުނެ ފުލުހުންނާއި އާންމުން އަދި އާންމުންގެ މުދަލަށް މުޒާހަރާގެ ބައިވެރިން ގެއްލުން ދީފައިވާކަން ތުހުމަތު ކުރެވޭ ވަރަށް ފުލުހުން ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށްވެސް ހައި ކޯޓުން ބުނެއެވެ.
ހައިކޯޓުން ސޮބާހު ބަންދުގައި ބެހެއްޓުމަށް ތާއީދު ކުރީ ޖިނާއީ ކޯޓުގެ އަމުރު އިސްތިއުނާފް ކުރުމުންނެވެ.
މޭޑޭގެ މުޒާހަރާއާއި ގުޅިގެން އަދާލަތު ޕާޓިގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްޑީޕީގެ ޗެއާޕަރސަން އަލީ ވަހީދު އަދި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމްވެސް ހައްޔަރުކުރިއެވެ. އަދި ތިން ބޭފުޅުންވެސް ބަންދުގައި ބައިތިއްބައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
މި ތިން ބޭފުޅުންގެ ފަރާތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، އަމީން ދޫކޮށްލުމަށް ހައި ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެހެން ނަމަވެސް އިމްރާން އާއި އަލީ ވަހީދުގެ ބަންދުގެ މުއްދަތަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
ސޮބާހް ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ