އިންޑިޔާގެ ޖީއެމްއާރު ކުންފުނީގެ އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހޯދުމަށްކުރަމުން އަންނަ މަސައްކަތް ނިމިގެންދާނީ ރައްޔިތުން އެންމެ އެދޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު މިއަދު ވިދާޅުވެފައިވާ ކަމަށް ގައުމީ ހަރަކާތުން ބުނެފި އެވެ.
ގައުމީ ހަރަކާތުން މިކަން އިއުލާންކޮށްފައިވަނީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް، ރައްޔިތުން ސޮއިކުރަމުންދާ ޕެޓިޝަންތަކުގެ ތެރެއިން މިއަދާ ހަމައަށް ލިބިފައިވާ ޕެޓިޝަންތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ ޙަވާލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
35000 އަށްވުރެ ގިނަ މީހުންގެ ސޮއި ހިމެނޭ ޕެޓިޝަން ރައީސް އާއި ހަވާލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ޖީއެމްއާރު މައްސަލައަކީ ގާނޫނީ ގޮތުން ވަރަށް ބޮޑަށް ބަލަންޖެހޭ މައްސައަކަށް ވެފައި ފާއިތުވީ ދުވަސްތަކުގައި ކުރެއްވީ އެމަސައްކަތްކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އެހެންނަމަވެސް މިހާރު އެ މަސައްކަތްތަށް ނިމިފައިވާ ކަމަށާއި، ކެބިނެޓާއި ބައްދަލު ކުރެއްވުމަށްފަހު ދިވެހިން ބޭނުންވާ ގޮތަށް ޖީއެމްއާރު މައްސަލަ ނިންމަވާ ދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"ޕެޓިޝަންގެ ވާހަކައާ ދިވެހިން މިކުރާ މަސައްކަތުގެ ވާހަކަ ދެންނެވީމައި ރައީސް ވިދާޅުވީ ﷲގެ ރަހްމަތާއިއެކު ޖީއެމްއާރު މައްސަލަ ނިމިގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް. އަދި ވިދާޅުވީ މިހާތަނަށް މި ދިޔައީ ގާނޫނީ ގޮތުން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރުމާއި އެކު އެކަންތައްތައް ބެލުމުގެ މަސައްކަތް ކަމަށް. ގާނޫނީ ލަފާ ހޯދާ އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް. އަދި ވިދާޅުވި މިހާރު ގާނޫނީ ގޮތުން ކުރަންހުރި ހުރިހާ މަސައްކަތެއް ހުރީ ނިމިފައި ކަމަށް. ދެން އެއަށްފަހު ކެބިނެޓްގައި މިކަމަށް މަޝްވަރާ ކުރުމަށްފަހު ރައްޔިތުން ބޭނުންވާ ގޮތަށް އެ މައްސަ ނިންމަވާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި،" އަބްދުﷲ ވިދާޅުވި އެވެ.
ދިވެހިންގެ އެއަރޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދިނުމުގައި ޙަރަކާތްތެރިވަމުން ގެންދާ ދިވެހި ޤައުމީ ޙަރަކާތުގެ ފަރާތުން މި ޕެޓިޝަންތައް ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކުރެއްވީ، އެ ޙަރަކާތުގެ އިސްބޭފުޅެއް ކަމަށްވާ ޝައިޚު ޢިމްރާން ޢަބްދުﷲ އެވެ. މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، މި ޙަރަކާތުގައި އިސްކޮށް އުޅުއްވާ އެހެން ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ޕެޓިޝަން ހަވާލު ކުރީ މި ހަރަކާތުގެ ބައިވެރިން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމެއް ބޭއްވުމަށްފަހު ރައީސް އޮފީސް ކައިރިއަށް ގޮހެވެ. ނަމަވެސް ހަރަކާތުގެ ބައިވެރިން ބީޗުން ފެށިގެން ހިނގާފައި ރައީސް އޮފީހަށް ދަނިކޮށް ބޭންކް އޮފް މޯލްޑިވުސް ކައިރިން ފުލުހުން ހުއްޓުވުމުން ޕެޓިޝަން ހިފައިގެން ރައީސް އޮފީހަށް ވަޑައިގެންނެވީ ގައުމީ ހަރަކާތުގެ ސްޓިއަރިން ކޮމެޓީގައި ހިމެނޭ އިސް ފަރާތްތަކެވެ.
ޕެޓިޝަން ހުށަހެޅުމަށްފަހު ގައުމީ ހަރަކާތުގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަމީމް ވިދާޅުވީ އަތޮޅުތަކުން މިވަގުތު މާލެ ނުގެނެވިހުރި ގިނަ އަދަދެއްގެ ޕެޓިޝަން ފޯމް އެބަހުރި ކަމަށާއި އެ ފޯމްތައް ވެސް ވަރަށް އަވަހަށް ރައީސަށް އަރުވާނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލާ ޖީއެމްއާރު އަތުން އެއާޕޯޓް ނަގަން ގައުމީ ހަރަކާތުން ދަނީ ސިލްސިލާ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މާދަމާ ރޭ ވެސް "އެއާޕޯޓް ސައްލާ"ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ހަރަކާތެއް ވަނީ ހިންގުމަށް ނިންމާފަ އެވެ.
"ޖީއެމްއާރުގެ މައްސަލަ ނިމޭނީ ރައްޔިތުން އެންމެ އެދޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ