ކޮވިޑު ޖެހިގެން ގަޑިއެއްހާ އިރުގެ ތެރޭ ދެ މަރު! ޖުމުލަ 103 އަކަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ޖެހިގެން ރޭ ދެ މީހަކު މަރުވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ފުރަތަމަ މީހަކީ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އެވެ. އުމުރުފުޅުން 70 އަހަރުގެ ޒާހިރު އަވަހާރަވި ކަމަށް ކަނޑައަޅާފައި ވަނީ ރޭ 10:00 ޖެހި އިރު އެވެ.
ދެވަނަ މީހާ މަރުވީ އޭގެ ގަޑިއިރެއްހާ އިރު ފަހުން 11:14 ގަ އެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ދެ މަރާއެކު އިއްޔެ އެކަނިވެސް ކޮވިޑުގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. އަދި ރާއްޖޭގެ ޖުމުލަ އަދަދު ވަނީ 103 އަށް އަރައިފަ އެވެ.
ރާއްޖެއިން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި 11 ބިދޭސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ