ހަނގުރާމައިގެ ހަމަލާއެއްގައި ޗާޑްގެ ރައީސް އަވަހާރަވެއްޖެ

އެންޖަމީނާ (އެޕްރީލް 20) : ލީބިއާގެ ދެކުނުގައި އޮންނަ އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ ޗާޑްގެ ރައީސް އިދްރީސް މުހައްމަދު ދިއްބީ އަވަހާރަވެއްޖެއެވެ. ޗާޑްގެ ރަސްމީ ޓީވީ މެދުވެރިކޮށް އެގައުމުގެ ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން ރައީސް އިދްރީސް ދިއްބީ އަވަހާރަވީ ވެރިރަށް އެންޖަމީނާ ހިފުމަށް މަސައްކަތް ކުރަމުންދިޔަ ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކެއްގައެވެ. އެގައުމުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަވަހާރަވީ ހަތިޔާރު އެޅި ޖަމާއަތާ ދެކޮޅަށް ސިފައިން ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގުމުގައި ހަނގުރާމައިގެ މައިދާނުގައި އުޅުއްވަނިކޮށް ކަމަށެވެ. އަސްކަރީ ޖެނެރަލެއް ކަމަށްވާ އުމުރުން 68 އަހަރުގެ ދިއްބީ މީގެކުރިން ޗާޑްގެ ވެރިކަން ހޯއްދެވީވެސް 1990 ވަނައަހަރުގެ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު އަސްކަރީ ބަޣާވާތަކުން ޗާޑްގެ އޭރުގެ ރައީސް ހުސައިން ހިބްރީގެ ސަރުކާރު ވައްޓާލުމަށްފަހުއެވެ. އެ ތާރީޚުން ފެށިގެން މިއަދާ ހަމައަށްވެސް ޗާޑްގައި ވެރިކަން ކުރަމުން ގެންދަނީ ދިއްބީ އެވެ. ދިއްބީ އަވަހާރަވެފައި މިވަނީ ޗާޑްގައި މި އެޕްރީލް މަހުގެ 11 ވަނަދުވަހު ބޭއްވި ރިޔާސީ އިންތިޚާބުވެސް 79 އިންސައްތައިގެ އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ އޭނާކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިން އިއުލާނު ކުރިތާ 24 ގަޑީއިރުވެސް ނުވަނީހެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ