މެމްބަރު އީސަގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
މެމްބަރު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ތިން ވަނަ ދުވަހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އީސަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
އީސަގެ މައްޗަށް އުފުލި ދައުވާގެ ކުށަކީ ޖުނަހްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ޖޫރިމަނާގެ އަދަބު ކަނޑައަޅާނަަމަ، އަދަބަކީ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ އެވެ. އެހެންކަމުން، މި މައްސަލަ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ.
އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުސްވި މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންނަށް އަސްރާ ބަޔާންވެސް ދެއްވި އެވެ. ނަމަވެސް ދަރިފުޅަށްޓަކައި ފަހުން އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ އެދިވަޑައިގެންފަ އެވެ.
މި މައްސަލައާ ގުޅިގެން އީސަ ބުނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ