އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތައް ހަލާކުނުކުރޭ: މެމްބަރު ޒާހިރު

އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތައް ހަލާކުނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ގޮވާލައްވައިފިއެވެ.
މެމްބަރު ޒާހިރު މިފަދައިން ގޮވާލެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މިމަހުގެ 23 ވަނަ ދުވަހު ހުށައެޅުއްވި ބިލެކެވެ.
ބިލަށް ބަހުސްކުރައްވަމުން މެމްބަރު ޒާހިރު ވިދާޅުވީ، މިބިލަށް ތާއިދުކުރައްވާކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ ވައުދެއްކަމަށެވެ.
އިޚްލާސްތެރިކަމާއެކު ކަމެއް ކޮށްގެން ނޫނީ ކަމެއް ނުކުރެވެނެކަމަށާއި، ގާނޫނުގައާއި ކަރުދާހުގައިވެސް އެއްޗެހި ލިޔެވިދާނެކަމަށް އޭނަ ވިދާޅުވިއެެވެ.
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން ވަކި ކުންފުނިތައް ހަދައިގެން މެދު ފަންތީގެ ވިޔަފާރިތަކަށް އަރައިގަތުމަކީ ތާއީދުކުރާކަމެއް ނޫންކަމަށް މެމްބަރު ޒާހިރު ވިދާޅުވިއެވެ.
އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތަކަށް އަރައިގަނެގެން އެމީހުން ކުރާ މަސައްކަތުގެ ތެރެއަށް ވަދެގެން، އެމަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކަމުދާކަމެއް ނޫންކަމަށް އޭނަ ވިދާޅުވިއެވެ.
މިފަދަ ކަންކަން ނުކުރުމަށް މެމްބަރު ޒާހިރު ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި މިގޮތަށް ކަން ކުރުމުން ރައްޔިތުން ހިތްހަމަ ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށައަޅުއްވާ، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރި އެރުވުމަށްޓަކައި، މިހާރު އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ބަލާ މިންގަޑުތަކަށް އިޞްލާހުގެނައުންކަމަށެވެ.
އެގޮތުން ވިޔަފާރި ގިންތިކުރުމުގައި ބޭނުންކުރާނެ އުސޫލެއް އެކުލަވާލުމަށާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލް އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުންކަމަށެވެ.
އަދި މި ޤާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާގު ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި ހިންގުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދައި މިހާރު ހިނގަމުން އަންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ މަސްއޫލިއްޔަތުތައް ޤާނޫނުގައި ކަނޑައަޅައި، އެ ކުންފުނީގެ ޙަރަކާތްތައް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ