"ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ތިބޭފުޅުން ނަގަން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި"

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ފަހު ސިފައިންގެ ކާނަލް އިން ފެށިގެން މަތީ ރޭންކްތަކުގެ ސިފައިންނަށް ބޭއްވި ބައްދަލުވުމެއްގައި ގާޒީ ހައްޔަރުކުރުމާއި ބައްދަލުވުމުގައި ތިއްބެވި ހުރިހާ ސިފައިން ދެކޮޅު ހެއްދުމުން "ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ތިބޭފުޅުން ނަގަން ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި" ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި މިރޭ ނަޝީދު އާއި ދެކޮޅަށް ހެކިބަސް ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ އެބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަގާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށެވެ. ނަޝީދު އެހެން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ދެކޮޅަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އަހްމަދު މުހައްމަދު ވާހަކަފުޅު ދެއްކެވުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޒިންމާ ނަގާނެ ކަމުގެ ލިޔުމެއް ދެއްވެވި ދާނެތޯ ނަޝީދު އަރިހުން ސުވާލުކުރެއްވުމުން ލިޔުމެއް ވެސް ދެއްވާނެ ކަމަށް އެބައްދަލުވުމުގައި ނަޝީދު ވިދާޅުވި ކަމުގައި ޝިޔާމް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ގިރިފުއްޓަށް ގެންދެވިކަން ސާބިތުކުރުމަށް ދައުލަތުން މިރޭ ވަނީ ދެހެކިން ހުށަހަޅާފައެވެ. އެއީ މެޑިކަލް އޮފިސަރު، ފަސްޓް ލެފްޓިނެންޓް ޑރ. އަލީ ޝާހިދު މުހައްމަދާއި ވޮރަންޓު އޮފިސަރު އާއިޝަތު ޒީނާ އެވެ.
އެދެބޭފުޅުން ވެސް ވަނީ އަބްދުﷲ ގާޒީ ގިރިފުއްޓަށް ގެންދެވި ކަމަށާއި ގިރިފުށީގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅުނުކަން ސާބިތުވާވަރަށް ކޯޓުގައި ހެކިބަސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ