ކަރުނައާއެކު ޖިއާންގެ މަންމަ: އެއީ އިހުމާލުވުމުގެ ނަތީޖާ!

މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރާއްޖެއަށް ސިހުން ގެނުވީ މާލޭ މަގުމަތީގައި ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ އެއް ވެއްއްޓުނު ހާދިސާގެ ހަބަރުންނެވެ. މާލޭގެ މަގުަތީގެ ރައްކާތެރިކަން ނެތްކަމުގެ ބިރު ދިވެހިންގެ ހިތުގައި އަބަދުވެސް އޮންނައިރު އެހާދިސާއާއެކު އެ ބިރުވެރިކަން އިތުރުވީ ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި އަނިޔާ ލިބުނު ކުއްޖާ ނިޔާވުމާއެކުއެވެ. ސިމެންތި ބަސްތާ ވެއްޓުނީ މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ހާދިސާ އަކީ ދިވެހިންނަށް އެތައް އިބުރަތްތަކެއް ލިއްބައިދިން، ދިވެހިންގެ ލޯ ހުޅުވައިލަދިން ހާދިސާއެކެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންތައް ދޯދިޔާކޮށް އޮއްވައި އެކަންތައް ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންވެސް އެ ހިސާބުން މަސައްކަތް ފެށިއެވެ. ޖިއާންގެ މަންމަ ޑރ. ފަރުޒާނާ -- ސަން ފޮޓޯ: ފަޔާޒު މޫސާ ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި ނިޔާވީ ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ ބަނގްލަދޭޝްގެ ޑޮޮކްޓަރެއްގެ ދަރިއެކެވެ. އުމުރުން އަށް އަހަރާއި ތިން މަހުގެ ރައުޝަން ޖިއާންއެވެ. ރައުޝަންގެ ކުޑަކުޑަ އާއިލާގެ އުފާވެރިކަން ކުޑަ ހިދުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިޔައީ ދިވެހި ކުންފުންޏެއްގެ ފަރުވާކުޑަކަމުންނެވެ. އެ ހާދިސާ ރައުޝަންގެ އާއިލާ އިން ސިފަކުރީ "އިހުމާލުވުމުގެ ސަބަބުން ދިމާވި" ކަމެއްގެ ގޮތުގައެވެ. ރައުޝަންގެ މަރަށް މަހެއް ވެފައިވާއިރު އާއިލާ އިން މިއަދު މީޑިއާ އާ ވާހަކަ ދައްކަމުން ބުނީ އެމީހުންގެ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ ކަމަށެވެ. އެނބުރި ރާއްޖެއިން ދާނީ ރައުޝަން އަށް އިންސާފު ހޯދައިދިނުމަށްކަމަށް ރައުޝަންގެ މަންމަ ޑރ. ފަރުޒާނާ ހުސެން ވިދާޅުވިއެވެ. ރައުޝަން ޖިއާން-- "ހުރިހާ އާއިލާތަކެއް ފަދައިން އަހަރެމެންވެސް ޑިސެމްބަރު މަހު މާލެއައީ ޗުއްޓީ އަށް. އެކަމަކު އުފާވެރި ޗުއްޓީއެއްގެ ބަދަލުގައި އަހަރެމެންގެ ތަގުދީރުގައި ލިޔެވިފައި އޮތީ އެހެން ކަމެއް. 16 ޑިސެންބަރުވީ އެ ހިތާމަވެރި ހެނދުނު އަހަރެމެންގެ ދަރިފުޅުގެ ބޮލަށް ސިމެންތި ބަސްތާ އެއް ވެއްޓުނީ،" ހަލާކުވެފައިވާ ހިތަކާއެކު ލޮލުން ކަރުނަ އަންނަހާލު ޑރ. ފަރުޒާނާ ވިދާޅުވިއެވެ. ޑރ. ފަރުޒާނާ ވިދާޅުވީ ރައުޝަންގެ ދެ ސާޖަރީ އެއް އައިޖީއެމްއެޗުން ހެދި ކަމަށެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން ކުރެވެންއޮތް ހުރިހާކަމެއް ޑޮކްޓަރުން ކުރެއްވި ކަމަށާއި ނަމަވެސް ޖެހިގެން އައިދުވަހު ޖިއާން މި ދުނިޔެ ދޫކުރި ކަމަށް ޑރ. ފަރުޒާނާ ވިދާޅުވިއެވެ. މަތިން ވެއްޓުނު ބަސްތާގެ ދަށުވުމުގެ ސަބަބުން ޖިއާންގެ އެތެރޭގެ ގުނަވަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ. އަދި ފައިގައި ރެނދުލުމުގެ އިތުރުން ކަރަށާއި ކޮނޑަށް ވަނީ ބޮޑެތި ގެއްލުން ވެފަ އެވެ. "ދަރިފުޅު މަރުވުމަކީ އަހަރެމެންނަށް އިއާދަނުކުރެވޭނެ ފަދަ ބޮޑު ހިތާމައެއް. ދަރިފުޅުގެ މަރާއެކު މި ދިވެހިރާއްޖެއިން ލިބުނު އެހީތެރިކަމަށާއި ލޯތްބަށް އަހަރެމެން ޝުކުކުރުވެރިވަން،" ޑރ. ފަރުޒާނާ ވަނީ އާއިލާ އަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އަދި މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދާއި ފުލުހުން، އަދި ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ އަމީން އާއި އައިޖީއެމްއެޗުގެ ސްޓާފުންގެ ފަރާތުން ލިބުނު ލޯތްބަށާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ރައުޝަންގެ ބޮލަށް ވެއްޓުނު ސިމެންތި ބަސްތާ: އެ ބަސްތާ ކައިރީގައި އެ ކުއްޖާގެ އައިނު ވެއްޓިފައި-- ފޮޓޯ: ކިޔުންތެރިއެއް ދަރިފުޅުގެ މަރު ޑރ. ފަރުޒާނާ ސިފަކުރެއްވީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައެވެ. ރައުޝަންގެ މަރު ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މަސައްކަތް ކުރަމުންދާއިރު، އެކަންވެސް އާއިލާގެ ފަރާތުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވައިފައެވެ. "ބުރަ ހިތަކާއެކު ވެސް ބުނަން ޖެހެނީ އަހަރެންގެ ދަރިފުޅު ދިވެހިން ދަންނާނީ ވީޑިއޯ އިން ފެންނަ، ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ކުއްޖާގެ ގޮތުގައޭ. އެކަމަކު އަހަރެންގެ ދަރިފުޅަކީ އެ ވީޑިއޯއިން އެފެންނަ ކުއްޖާއެއް ނޫން. އެއީ އެއަށްވުރެ މާ އުފާވެރި، ލޯބި ކުއްޖެއް. ކިޔެވުމާއި، އާއިލާ އަދި ރައްޓެހިންނާއި ޓީޗަރުންދެކެ ނުހަނު ލޯބިވި ކުއްޖެއް. އެއީ ތިމާވެށިދެކެ ލޯބިވި ކުއްޖެއް. މަގުމައްޗަށް ކުނި ނާޅަން އޭނާ މީހުންނަށް ނަސޭހަތްތެރިވާނެ. ރައުޝަން ބޭނުންވި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރަން. އެންމެ ބޭނުންވީ ޕައިލޮޓަކަށް ވާން. އަންހެނުންނަށް ޕައިލޮޓަކަށް ނުވެވޭނެޔޭ މީހުން ބުނެފިނަމަ ރައުޝަން ވަރަށް ދެރަވޭ. އެއީ މޮޅު ކުއްޖެއް. ހިތްވަރުގަދަ ކުއްޖެއް،" ލޯބިވާ އަންހެން ދަރިފުޅުގެ ވާހަކަތައް ހިއްސާ ކުރަމުން ރޮވިފައި އިނދެ ރައުޝަންގެ މަންމަ ޑރ. ފަރުޒާނާ ވިދާޅުވިއެވެ. "ތި ބޭފުޅުންގެ ދުއާގައި ރައުޝަން ހިމެނުމަކީ އަޅުގަނޑުމެންގެއެދުން" ދިވެހިންނަށް ޑރ. ފަރުޒާނާ ވިދާޅުވިއެވެ. ރައުޝަން ޖިއާން މަރުވުމުން އާއިލާއިން ވަނީ އެކުއްޖާގެ ހަށިގަނޑާއެކު ބަންގާޅަށް ގޮސްފައެވެ. އާއިލާއިން އެނބުރި ރާއްޖެ އައިސްފައިވާއިރު މާދަމާ ރައުޝަންގެ މަންމަ ވަޒީފާ އަށް ނިކުންނާނެއެވެ. ޑރ. ފަރުޒާނާ އަކީ ފ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ