ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުންނެވީ މިނިވަން 50 ގެ ކޮރަޕްޝަން އަދި ވެރިކަމުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދަށުވެފައި ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި ދާދި ފަހުން ޕީޕީއެމްގެ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވި އިބްރާހިމް މުއާޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައި ހުރީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވާ ފަރާތްތަކަށް، ނުއަގުގައި ކަމަށް ބުނެ ގިނަ ފަރާތްތަކެއްގެ ތުހުމަތުގެ އިނގިލި ވަނީ އުމަރަށް އަމާޒުވެފައެވެ.
މުއާޒް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ބައެއް ވާހަކަތަކަށް އުމަރު ނަސީރު ރައްދުދެއްވައިފައިވާއިރު މުއާޒް މިއަދު "ވަގުތައް" ވިދާޅުވީ އުމަރު ނަސީރު މިއަދު ހުންނެވީ މިނިވަން 50ގެ ކޮރަޕްޝަންގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ ދަށުވެ ވަރަށް ބޮޑަށް ފިތިފައި ކަމަށެވެ.
"އުމަރު ނަސީރު މިއަދު އެހުންނެވީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ ދަށުވެ ފިތިފަ. ސަބަބަކީ މިނިވަން 50 ގެ ކޮރަޕްޝަންގެ ކަންތައް ގަނޑުގަ. މިކަންތައް އެބަ ޖެހޭ ތަހުގީގު ކުރަން" މުއާޒް ވިދާޅުވިއެވެ.
އުމަރު ނަސީރުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީނަށް ހެޔޮ އެދޭ ކަމަށް ދައްކައިގެން ޕީޕީއެމްގެ މެންބަރުންގެ ބޮލަށް އެރި، އެ ޕާޓީގެ ތެރޭގައި އުމަރުގެ ފެކްޝަނެއް އުފައްދާ ޕީޕީއެމް ބައިބައިކުރުވުން ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.
"އުމަރު ނަސީރުގެ މައިގަނޑު ބޭނުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ޕީޕީއެމްގެ މެންބަރުން ހިތްހަމަ ޖެއްސުމަށް ރައީސް ޔާމީންގެ ދިފާއުގައި ކަމަށް ބުނެ އެތާ އެތެރެއަށް ވަދެގެން އަނެއްކާވެސް އުމަރު ފެކްޝަން އުފެއްދުން. އުމަރުގެ އަމާޒަކީ މި ލިބުނު ދަނޑިވަޅުގައި ހުދުމާ ފެކްޝަން ނުވަތަ އެނޫންވެސް ފެކްޝަން އެއް ހަދައިގެން ރައީސް ޔާމީނާއި ތަޅާފޮޅުން" މުއާޒް ވިދާޅުވިއެވެ.
އަދި ފިނިފެންމާ ލޯޗުގައި ބޮން ގޮއްވާލި ހާދިސާ ތަޙްޤީޤު ކުރި ޓީމްގައި އެންމެ އިސްކޮށް ބައިވެރިވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ރައްދު ދެއްވައި މުއާޒް ވިދާޅުވީ، އުމަރު ނަސީރަށްވެސް އަދި އެއްވެސް ތަހުޤީޤީ ޓީމަކަށްވެސް އެއްވެސް ވީޑިއޯއެއް އަދި ފޮޓޯއެއް ދީފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ނޭނގި އުމަރު ނަސީރަށް ރައީސް އޮފީހުން ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގެ ރޯ ފައިލްއެއް ނުވަތަ ރޯ ވީޑިއޯއެއް ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެކަން ތަހުޤީގު ކުރަން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.
"ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އުމަރު ނަސީރު އަޅުގަނޑު އަތައް ދިއްކޮށްލީ ސީޑީއެއް. އުމަރު ނަސީރު މިއަދު އެވިދާޅުވަނީ އެއީ ރޯފައިލް އެކޭ، ރޯ ވީޑިއޯއެކޭ. ކިހިނެތްބާއޭ އުމަރު ނަސީރަށް އެނގެނީ އެއީ ރޯ ވީޑިއޯއެއްކަން. އެއީ އެ ޑިޕާޓުމެންޓަކީ އަޅުގަނޑުގެ ދަށުގައި އޮތް ޑިޕާޓްމެންޓެއް. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ ފޮޓޯތަކަކާއި ހުރިހާ ވީޑީއޯތަކެއް ހުންނާނީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި. އެކަމަކު އަޅުގަނޑު އުމަރު ނަސީރު އަތައް އެއްވެސް ވީޑީއޯއެއް ނުދެން. މިއީ އަޖައިބެއް ނޫންތޯ؟ އުމަރު ނަސީރު އަތައްވެސް އަދި ކޮމިޝަންއަކަށްވެސް އަޅުގަނޑު ވީޑިއޯއެއް ނުދެން. އެހެންމާ މިކަންކަން ބަލަން ޖެހޭ" މުއާޒް ވިދާޅުވިއެވެ.
މުއާޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ލޯންޗް ގޮވި ވަގުތު އަލިފާން ނުފެންނަ ކަމަށާއި އަލިފާނުގެ ކުލަ ފުރަތަމަ ފެނުނީ ވެސް އުމަރު ނަަސީރު އޭނާގެ އަތައް ދެއްވި ސީޑީއެއްގައި އިން ވީޑިއޯ އަކުން ކަމަށެވެ.
ނަމަވެސް އެވާހަކަތަކަށް ރައްދު ދެއްވަމުން ޢުމަރު ވިދާޅުވީ މުއާޒު ދެއްކެވި ވާހަކަތަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި އެއީ "އެމްއެމްޕީއާރުސީގެ ނަހަމަ ފައިސާ ދެއްކި ވާހަކަތަކެއް" ކަމަށެވެ.
ޢުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށެވެ. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"އޭގެ ރޯ ފައިލް މިހާރު ވެސް އޮންނާނެ. ރައީސް އޮފީހުން އެމައްސަލަ އަލުން ބައްލަވަންވީ ނޫންތޯ،" ޢުމަރު ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު ވިދާޅުވީ އަލިފާން ފެންނަ ގޮތައް ވީޑިއޯއެއް އެޑިޓްކޮށްލުމަކީ އާދައިގެ ގްރެފިކް ޑިޒައިނަރަކަށްވެސް ތަކުލީފަކާއި ނުލައި ކުރެވޭނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކަ މީގެ ކުރިން އުމަރު ނަސީރު ދައްކާފައި ނުވަނީ ކީއްވެތޯއާއި މެދުގައިވެސް މުއާޒް ވަނީ ސުވާލު އުފައްދައިފައެވެ.
"އުމަރު ނަސީރު ކީއްވެގެންބާއޭ މީގެ ކުރިން އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ނޫޅުނީ. އޭގެ ހަގީގަތް ބަލަން ނޫޅުނީ .އޭނާއަކީ ޤައުމުގެ ދާހިލިއްޔާގެ އިސްވަޒީރެއް" މުއާޒް ވިދާޅުވިއެވެ.
އުމަރު ނަސީރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން މުއާޒް ވިދާޅުވީ އުމަރު ނަސީރަށް ތުހުމަތު ކުރެވޭ ހުރިހާ ކޮރަޕްޝަންގެ މައްސަލައެއް ތަހުޤީގުކުރަން ޖެހޭ ކަމަށެވެ. އަދި ފިނިފެންމާ ހާދިސާގެ ތަޙުޤީގުވެސް އަލުން ކުރަން ޖެހޭ ކަމުގައެވެ.
އުމަރު ނަސީރު ހުރީ މިނިވަން 50ގެ ކޮރަޕްޝަން، އަދި ވެރިކަމުގެ ތެރެއިން ޔާމީންގެ ދަށުވެފައި - މުއާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ