އަމީތް އަދި އަބްދުﷲ އަހުމަދު ޖޭޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުއާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ދެ މެމްބަރުން ޖޭޕީއަށް ސޮއިކުރެއްވީ މިހާރު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ކުރިއަށްދާ ހަފްލާގައެވެ. މި ހަފްލާގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތަކީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރެކެވެ. ނަމަވެސް ރައީސް ޔާމީނާއި ހިޔާލު ތަފާތުވުމުން މިހާތަނަށް އަމީތް ހުންނެވީ ޕީޕީއެމުން ވަކިކޮށްފައެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖޭޕީންނެވެ. ނަމަވެސް ވަކިހިސާބަކުން އަބްދުﷲ އަހުމަދުވަނީ ޖޭޕީ ދޫކުރައްވާ ޕީޕީއެމަށް ވަޑައިގަންނަވާފައެވެ. މިރޭ އަލުން ޖޭޕީއަށް ވަޑައިގެންނެވިއިރު އަހުމަދު ހުންނެވީ ޕީޕީއެމުން ވަކިކޮށްފައެވެ.
ޖޭޕީއަށް މިރޭ ދެ މެމްބަރަކު ސޮއިކުރެއްވި އިރު ރޭވެސް ދެ މެމްބަރަކު ޖޭޕީއަށް ސޮއި ކުރެއްވިއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިފަހުން އިތުރު މެމްބަރުންވަނީ ޖޭޕީއަށް ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ