އިންޖީނަށް މައްސަލަ ދިމާވެ މާކުރަތުގައި ކަރަންޓް މަދު ސާމާނު ބޭނުން ކުރަން އަންގައިފި

ރ. މާކުރަތުގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް މަތީ ލޯޑު ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު މަދުކުރަން އެރަށު އިންޖީނުގެ ހިންގަމުން އަންނަ ފެނަކައިން އާއްމުންނަށް އަންގައިފި އެވެ.
ފެނަކައިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެރަށަށް ކަރަންޓު ފޯރުކޮށްދެމުންދާ އިންޖީނުތަކުގެ ތެރެއިން 160 ކިލޯވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެމުން މިވަގުތު ދަނީ 80 ކިލޯވޯޓްގެ ދެ ޖަނަރޭޓަރަކުން ކަމަށެވެ.
އެ ދެ ޖަނަރޭޓަރަކީ މުޅިރަށަށް ކަރަންޓު ދެވޭވަރަށްވުރެ ކުޑަ ޖަނަރޭޓަރު ކަމުން މުޅިރަށަށް އެއްފަހަރާ ކަރަންޓު ދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން 160 ކިލޯވޯޓްގެ ޖަނަރޭޓަރު ގެ މަރާމާތުގެ މަސައްކަތް ނިންމާ އާންމު ހާލަތަށް ގެނެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑެމުންދާނެ ކަމަށެވެ.
ފެނަކައިން ބުނީ އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. މާކުރަތަކީ އާބާދީގައި ތޭރަ ސަތޭކައަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ