މެންބަރު ސިނާންގެ ގޮނޑިވެސް ނުގެއްލޭ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މެމްބަރު ސިނާނުގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައި ވާއިރު އޭނާ އަކީ ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވެސް ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި މެންބަރު ސިނާންގެ މައްޗަށް ޕީޕީއެމްއިން ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ސޮއިކުރުމުން އެވެ. އެ ގަރާރުގައި އޭނާ ސޮއިކުރީ ފްލޯ ކްރޮސިންގެ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން ޖުލައި، 13، 2017ގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީ، އެ ގަރާރުގައި ސޮއިކޮށްގެން އޭގެ ފަހުން އޭނާއަށް ޕާޓީއިން އަޅާ ފިޔަވަޅެއްގެ ސަބަބުން ގޮނޑި ނުގެއްލޭނެ ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.
މީގެ އިތުރުން ހުކުމުގައި ބުނީ މެންބަރަކު ޕާޓީއިން ވަކިވި ކަމަށް ބަލާނީ، އެ މެންބަރަކު ޕާޓީއިން ވަކިވުމަށް ސިޓީ ހުށަހެޅުމުން ކަމަށާއި މެންބަރު ސިނާން ޕާޓީއިން ވަކިވެފައި ވަނީ ފްލޯކްރޮސިންގެ އަމުރުގެ ކުރިން ކަމަށެވެ. ސިނާން ޕީޕީއެމްއިން ވަކިވީ ޖުލައި 10، 2017ގަ އެވެ. ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމުގައި ބުނި ގޮތުގައި އެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނެ ސިނާންގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި އެކަމާ ގުޅިގެން އެޅި ފިޔަވަޅުތަކަކީ ގާނޫނުތަކުގެ ބޭރުން ކުރި ކަންކަމެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މެންބަރުކަން ގެއްލުނުކަން ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ސިނާނުގެ މައްޗަށްވަނީ ވަނީ ގޮނޑި ގެއްލުމުގެ އިތުރުން އެކެއް ފެބުރުއަރީގެ އަމުރާއެކު ޓެރަރިޒަމްގެ ދައުވާ އުފުލައި ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގެ ތޭރިތަކުގައި ބަހައްޓާފައެވެ. ސިނާން ކްރިމިނަލް ކޯޓުން މިނިވަންކުރީ މިދިޔަ ރިޔާސީ އިންތިހާބަށް ފަހުގައެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ، 12 މެންބަރުންގެ ތެރެއިން މިހާތަނަށް ހަ މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން މި ވަނީ ގޮތް ނިންމައިފަ އެވެ. ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ ހަ ގޮނޑިވެސް ނުގެއްލޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ