މަޑުއްވަރީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ބެސްޓް ބަޑީގެ އޯނަރު ވާދަކުރައްވަނީ...

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބެޓެރި ވެހިކަލް ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ މަޝްހޫރު ވިޔަފާރިވެރިޔާ ބެސްޓް ބަޑީގެ އޯނަރު ރ. މީދޫ ބްލެކް، އިބްރާޙިމް ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
 
މި ނިންމުން ނިންމެވުމަށްފަހު 'އެމް.ޓީ' އަށް މަޢުލޫމާތު ދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަން ނިންމެވީ ދާއިރާގެ ގޮނޑި ދާއިރާއަށް ހޯދައިދިނުމަށާއި ސަރުކާރާއި ގުޅިގެން ދާއިރާގެ ދެރަށް ކަމަށްވާ މަޑުއްވަރީ އަދި މީދޫއަށް ހިދުމަތްކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ. މީގެ އިތުރުން ދާއިރާގެ ދެ ރަށުގެ ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައްވެސް ރަނގަޅަށް ދަންނާތީކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
 
މިވަގުތު ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ އިބްރާހިމް ރަޝީދު ފާހަގަކުރެވިފައިވަނީ ދާއިރާގެ ދެ ރަށަށްވެސް ހާއްސަގޮތެއްގައި ދެ ރަށުގެ ތަޢުލީމަށްވެސް އެހީތެރިވެދެއްވަމުން އަންނަ ބޭފުޅެއްގެ ގޮތުގައެވެ.
 
އިބްރާހިމް ރަޝީދުއަކީ ސިޔާސީ ދާއިރާއިންނާއި ވިޔަފާރި އަދި އިޖުތިމާޢީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކުރައްވާފައިވާ އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.
 
 މީގެއިތުރުން އިބްރާހީމް ރަޝީދުވަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެއިތުރުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިޔަރ މަޤާމެއްވެސް އިބްރާހީމް ރަޝީދު ފުރުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ