ސުޕްރީމް ކޯޓުގެ ބާރުތައް ދަށްކުރަން އެމްޑީޕީ އިން ހުށަހަޅައިފި

ޝަރުއީ ދާއިރާ އިސްލާހު ކުރަން އެމްޑީޕީ އިން ތަންފީޒު ކުރަން ބޭނުންވާ ބައެއް ސިޔާސަތުތަކުގެ ތަފްސީލް ރޭ ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިނަށް އެމްޑީޕީން އެކުލަވައިލި ސިޔާސަތުގައި ރޭ އިއުލާން ކުރި އިރު އެންމެ ފާހަގަ ކުރެވެނީ މިހާރު އިމެއް ނެތި ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުތައް ހަނިކޮށް، ސުޕްރީމް ކޯޓުގެ ބާރުތައް ހިފަހައްޓަން ނިންމާފައިވާ ނިންމުމެވެ.
އެމްޑީޕީ އިން ބުނޭ ސުޕްރީމް  ކޯޓަށް އަމިއްލައަށް އިސް ނަގައިގެން އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށް ކަނޑައެޅުމަށާއި އަދި ދަށު ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ނުނެގޭނެ ކަމަށް ވެސް ކަނޑައަޅަން އެމްޑީޕީ އިން ވަނީ ނިންމާފައެވެ.
ހުޅުވާލާފައިވާ އަޑުއެހުމެއް ނެތި ސުޕްރީމް ކޯޓުން އެއްވެސް ހުކުމެއް އަދި އަމުރަކާ ހަމައަށް ވެސް ވާސިލް ނުވެވޭނެ ގޮތް ހެދުމަށް އެމްޑީޕީގެ ސިޔާސަތުގައި ނިންމާފައި ވާއިރު ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުން އިރުޝާދާއި ލަފާ ވެސް ދެވިގެން ނުވާނެ ކަމަށް ކަނޑައަޅަން ވެސް ވަނީ ނިންމާފައެވެ.
ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހެދުމަށް ވެސް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ނިންމާފައެވެ.
ގާނޫނީ ވަކީލުންނަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ސުޕްރީމް ކޯޓުން ނެގުމަށް ވަނީ ނިންމާފަ އެވެ. އެ ބާރު ދިނުމަށް ނިންމާފައިވަނީ ބާ ކައުންސިލަކަށެވެ. އެ ކައުންސިލް ހެދުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އެބިލް އޮތީ މިހާރު ފާސްވުމުގެ މަރުހަލާގައެވެ.
ޑީޖޭއޭ އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެމްޑީޕީގެ ޕްލޭނެކެވެ. އެގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރުމަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ޒިންމާއެއް ކަމަށް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ހިމަނައިފަ އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ކަމަށް، އަލަަށް ގެންނަ ބަދަލުތަކުގައި އެމްޑީޕީން ހުށަހަޅާފައި ވެ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މިހާރު އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުންނެވެ. އެއީ ސުޕްރީމް ކޯޓުގެ އިދާރީ މަސައްކަތްތައް ކުރާ އިދާރާ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު، ރަޖިސްޓްރާ ކަނޑައެޅުމަށް ފަހު ރަޖިސްޓްރާ އަށް ބާރުތަކެއް ދޭން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ފަނޑިޔާރުންގެ ދައުރެއް ނެތި މައްސަލަ ބަލައިގަތުމަކީ ރަޖިސްޓްރާގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހަޅާފައި ވެ އެވެ.
ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަަލަ ހަވާލުކުރާނީ ކޮން ފަނޑިޔާރަކަށްތޯ ކަނޑައެޅުމާއި އަދި މައްސަލަ ކޯޓަށް ހުށަހެޅޭ ތަރުތީބުން މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކުރުމާއި މައްސަލައިގެ ކިއު ތަރުތީބުން ހާމަކޮށް އެނގޭ ގޮތަށް ބެލެހެއްޓުމުގެ ބާރު ވެސް ރަޖިސްޓްރާ އަށް ދިނުމަށް ވަނީ ނިންމާފައެވެ.
އާސިޔާސަތުހައި މަތީ މަރުހަލާގެ މައްސަލަތައް ބަލާނެ ބެންޗު ވެސް އެކުލަވައިލާނީ ރަޖިސްޓްރާއެވެ،  އޭގެ ސަބަބުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ކޯޓުތަކުގެ ފަނޑިޔާރުންގެ ދައުރެއް ނޯންނާނެ އެވެ، އެ މައްސަލަތަކަށް ބެލުމަށް ފަހު އެ މައްސަލައިގެ ޒާތުން ބެންޗު އެކުލަވައިލުމަކީ ވެސް ރަޖިސްޓްރާގެ ޒިންމާ އެކެވެ. ކޯޓުތަކުގެ އިސް ގާޒީން ކުރާ ހުރިހާ އިދާރީ މަސައްކަތްތަކަކީ ރަޖިސްޓްރާގެ މަސްއޫލިއްޔަތަށް ބަދަލުވެ، ކޯޓުތަކުގެ ފަނޑިޔާރުންނަކީ ސީދާ މައްސަލަ ބެލުމަށް ހުސްވެގެން ތިއްބަވާ ބޭފުޅުންނަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.
މައްސަލައެއްގެ ނިންމުމާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ، އިސްތިއުނާފަށް ހުށަހެޅުމަށް މިހާރު ލިބެނީ 10 ދުވަހެވެ. ނަމަވެސް އިސްތިއުނާފް ކުރުމުގެ ނޯޓިހާ އެކު 10 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ފަހު 30 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެވެ.
އެމްޑީޕީ އިން ރޭ އިއުލާން ކުރި ބައެއް ސިޔާސަތުތަކަށް މީގެ ކުރިން އަމަލު ކުރިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެއުސޫލުތައް ވަނީ އުވާލާފައެވެ. އޭގެ ތެރޭގައި ޑީޖޭއޭ ސުޕްރީމް ކޯޓާއި ވަކިން ހިންގުމާއި އިސްތިއުނާފް ކުރަން 30 ދުވަހުގެ މުހުލަތެއް ދިނުން ހިމެނެއެވެ.
ޑީޖޭއޭ ސުޕްރީމް ކޯޓާއި ވަކިން ޤާނޫނުގައި ކަނޑައަޅާފައި އޮތް މާއްދާތައް އުވާލާ 2009 ވަނަ އަހަރު ޑީޖޭއޭ ވަނީ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލު ކޮށްފައެވެ. އަދި އިސްތިއުނާފް ކުރަން 30 ދުވަސް ކަނޑައަޅާފައި އޮތް މާއްދާތައް އުވާލާ އިސްތިއުނާފް ކުރަން ދިހަ ދުވަސް ދޭގޮތައް ހަމަޖެއްސީ ވެސް ސުޕްރީމް ކޯޓުންނެވެ.
އެމްޑީޕީ ވެރިކަމަށް އައީ ވެސް ޝަރުޢީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެންނަން ވައުދު ވެގެންނެވެ. އެމްޑީޕީ އިން މިހާރު ބުނަނީ އެބަދަލުތައް ގެނެވޭނީ މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ