މާދަމާ ހެނދުނު މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާދަމާ ހެނދު މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސެޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ ބުނީ މާދަމާ ހެނދުނު 6:00 އިން 6:30އަށް މާލެ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށެވެ. ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކުރީ މާދަމާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓެނެންސް މަސައްކަތެއް ކުރަމުންދާނެތީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މާދަމާ ކަރަންޓުގެ ހިދުމަތް މެދުކެނޑޭއިރު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ. ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުއަކީ މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓު އެއް ވިއުގައަކުން ގުޅުވާލަން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވާލާއިރު، ދެވަނަ ފިޔަވަހީގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ވަނީ ރާވާފައެވެ. މި އިންޓަ ކަނެކްޝަން ގްރިޑުން ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ވަނީ ގުޅާލާފައެވެ. އަދި މި މަޝްރޫގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައިއަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ