އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާގޮތް ރެގިއުލޭޓްކުރަން ގާނޫނެއް މުހިންމު: މެމްބަރު ޝަރީފް

އިލެކްޓްރޯނިކް ވަސީލަތައްތައް ބޭނުންކުރާގޮތް ރެގިއުލޭޓް ކުރުމަށް ގާނޫނެއް ހެދުމަކީ މިދަނޑިވަޅަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހަޅުއްވާފައިވާ އިލެކްޓްރޯނިކް މުއާމަލާތްތަކާ ގުޅޭ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ، އިލެކްޓްރޯނިކް ވަސީލަތައްތައް ބޭނުން ކުރާގޮތް ރެގިއުލޭޓް ކުރުމަށް ގާނޫނެއް ހެދުމަކީ މިދަނޑިވަޅަށް ވަރަށް މުހިންމު ކަމެއް ކަމަށާއި މިޒަމާނުގެ ކަންކަން ފުޅާވަމުން އަންނައިރު ސައިބަރ ކްރައިމް އަދި ފޯޖް ކުރުންފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށް ހިންގޭ މުއާމަލާތްތަކަކީ ރައްޔިތުންގެ މެދުގަ އިތުބާރު ހިފޭ އަދި އެ ވަސީލަތްތައް ބޭނުންކުރުމަށް ޖެހިލުންނުވާ ވަސީލަތަކަށް ހެދުމަކީ ވަރަށް މުހިންމެ ކަމެއްކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މިއަދު އިންޓަރނެޓްގެ ޒަރިއްޔާއިންނާއި އަދި އެނޫންވެސް އިލެކްޓްރޯނިކްގެ ޒަރިއްޔާއިން އެކިއެކި ވިޔަފާރީގެ މުއާމަލާތްތައް ކުރަމުންދާއިރު އެކަންކަން ރެގިއުލޭޓް ކުރެވޭނެ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިގާނޫނުގެ ދަށުން ހެދޭ ގަވާއިދަކީ މިޒަމާނުގެ މުއާސަލާތީ ކަންކަމަށް ފައިހަމަކުރެވޭ ގޮތަށް އެކުލަވާލެވޭ ގަވާއިދަކަށް ހެދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ، ގާނޫނެއްގެ ފޮނި މީރުކަން ގައުމަށާއި ރައްޔިތުންނަށް ލިބޭނީ އެ ގާނޫނެއް އެންމެ އެދެވޭ ގޮތެއްގައި ތަންފީޒުކުރެވޭނެ މާހައުލެއް ގާއިމްކޮށްގެން ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ކަންކަމުގަ ތަމްރީން ދޭންޖެހޭ ކަމަށާއި އެގޮތުން ޚާއްސަ ސަމާލުކަމެއްދީގެން އިންޓަރނެޓްގެ ޒަމާނުގައި އިލެކްޓްރޯނިކްގެ ވަސީލަތްތައް ބޭނުން ފުޅާދާއިރާއެއްގައި ކުރަމުން އަންނައިރު ޅަކުދިންނަށް ތަމްރީން ނުދެވިއްޖެނަމަ ގައުމުގެ އިގްތިސާދީ ގޮތުންނާއި ތަރައްގީގެ ރޮގޮން ސޮއްސާލާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ