ގްރޭޓާ މާލޭ ގްރިޑް ޓެސްޓު ކުރުމުގެ އެންމެ ފަހު މަސައްކަތް މިއަދު، ހަވީރު ކަރަންޓު ކެނޑިދާނެ

ގްރޭޓާ މާލޭ ގްރިޑް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ މިއަދުވެސް މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު ކުރަނީ އެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތެ ކަމަށެވެ. އަދި މީގެ ކުރިން ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ، މިއަދު ވެގެންދާނީ އެ މަސައްކަތުގެ އެންމެ ފަހު ދުވަހަށެވެ.
މިއަދު އެ މަސައްކަތް ކުރަނީ 15:00 އާއި 18:00 އާދެމެދުއެވެ. އަދި އެ މަސައްކަތް ކުރަމުންދާ ވަގުތު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
އެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގްރޭޓާ މާލޭ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު ސިންކްރޮނައިޒް ކޮށްފައެވެ. އަދި މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްއޫއެކެވެ.
އަދި މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ