މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތެއް ނުކުރޭ: މެމްބަރު ޝިޔާމް

މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރާ ކަމުގެ ވާހަކަ ދައްކާތީ ހައިރާންވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ޖަލުގައި ގައިދީއެއް މަރުވި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުއްވުމުން އެ މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރާ ކަމުގެ ވާހަކަ ދައްކާތީ ހައިރާންވާ ކަމަށާއި އެމްޑީޕީން ވެރިކަމަށް އައީ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ހޯދަދޭން ކަމަށެވެ.
މަޖިލީހަށް މިފަދަ މައްސަލަތައް ގެންނަނީ ސިޔާސީ ބޭނުމަށްޓަކައި ކަމަށް އެމްޑީޕީ ބައެއް މެމްބަރުން ވިދާޅުވާތީ އެކަމަށް ހިތާމަކުރައްވާ ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ދެއްކި ވާހަކަތަކާއި އަމަލާ ދިމާނުވާ ވާހަކަ އަބަދުވެސް ދައްކާނެ ކަމަށެވެ.
މެމްބަރު ޝިޔާމް ވަނީ މިހުންނަނީ ސީރިއަސް ބޮޑެތި މައްސަލަތައް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ހުޅުމާލޭ ޖަލުގައި ގައިދީއެއް މަރުވި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ބަލައިގަނެ މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުން ބަހުސްކުރެއްވިއިރު މި މައްސަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖަލެއްގައި މީހަކު މަރުވުން ނުވަތަ އަނިޔާ ކުރުމަކީ އެމްޑީޕީން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.
އިދިކޮޅު މެމްބަރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފާޑުވިދާޅުވުމުން އެކަަމަށް ރައްދުދެއްވާ މެމްބަރު ހަސަން ވިދާޅުވީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަރާބަރަށް ދިޔައީ ހިއުމަން ރައިޓްސް ކޮމިޝަނުން މަސައްކަތްކޮށްފައިވާ ގޮތް ބަލަމުން ކަމަށެވެ.
އަދި އެތަނުގަ ހުރި ސީސީޓީވީ ކެމެރާތަކާއި، ހާދިސާ ހިނގިތަނުގެ އިތުރަށް ގައިދީގެ މެޑިކަލް ފައިލް ބަލާ އެތަނުގައި ތިބި އިތުރު ގައިދީންނާ ވާހަކަ ދައްކާފައިވާކަމަށް ހަސަން ވިދާޅުވިއެވެ.
އޭގެފަހުން ވެސް ދެވަނަ ފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ޖަލަށް ގޮސް އިތުރު މައުލޫމާތު ހޯދާ ނިޔާވި ގައިދީގެ ހަށިގަނޑު ބަލާ ޑޮކްޓަރުންނާވެސް ވާހަކަ ދައްކާފައިވާކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
މިހުރިހާ ކަމެއް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދޭތޯ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ދިޔައީ ބަލަމުން ކަމަށާއި މިކަންކަން ދޫކޮށްލައިގެން ނުތިބޭކަން މެމްބަރު ހަސަން ފާހަގަކުރެއްވިއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަންޖެހޭކަމަށާއި، ފުލުހުން މި މައްސަލަ ތަހުގީގު ނުކުރާނަމަ އެކަން މަޖިލީހުގެ 241 ކޮމިޓީއަށް ފުލުހުން ހާޒިރުކޮށްގެންވެސް މި މައްސަލަ ބަލާނެކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
އަދި މިފަދަ ވާހަކަތަކަކީ ރަށެއްގެ ނަރުދަމާ ނޭޅުނީމަ ވާގެއްލުމުގެ ވާހަކަ ދައްކާހެން ދައްކާ ވާހަކައެއް ނޫންކަން ފާހަގަކުރައްވާ މެމްބަރު ވަނީ ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރުމާއި ލާއިންސާނީ އަނިޔާދިނުން ފަދަ ކަންކަމަކީ އެމްޑީޕީން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ