ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކުރީގެ ކައުންސިލަރު ރާޝިދަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އިތުރު މީހަކު ކުރިމަތިލާފައިނުވާތީ ވެރިކަން ހިންގާ އެމްޑީޕީގެ ޓިކެޓް ށ. ފޯކައިދޫގެ ކުރީގެ ކައުންސިލަރު މުހައްމަދު ރާޝިދު ޔަގީންކުރައްވައިފި އެވެ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ އެމްޑީޕީން ހުޅުވާލުމުން ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓަކީ ށ.ފޯކައިދޫ ޔުނިވާސް، މުޙައްމަދު ރާޝިދުއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެއްބޭފުޅަކު ކުރިމަތިލުމުން އޭނާއަށް ޕްރައިމަރީއަކާއި ނުލައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާގުޅިގެންނެވެ. ހުސެއިން ވަހީދު މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ދިޔައީ އެމްޑީޕީ ޓިކެޓުގައެވެ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީތަކަކީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން، އެމްއެންޕީންނެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ނެގުން އޮންނާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު ހަތަރަކަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހެނީ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. ހުސެއިން ވަހީދު، 53، އަވަހާރަވީ ވަރަށް ގިނަ ދުވަހު ކެންސަރަށް ފަރުވާ ކުރެއްވުމަށްފަހު އެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ