މަސްތުވާތަކެއްޗާއެކު ހެނބަދޫ އަދި މަނަދޫއިން ދެ މީހަކު ހައްޔަރުކޮށްފި

ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ނ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ނ.ހެނބަދޫ އާއި ނ.މަނަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައިވަނީ، އުމުރުން 24 އަހަރާއި އަދި 25 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، މި ދެމީހުންގެތެރެއިން އުމުރުން 24 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 2015 ޑިސެމްބަރ 11 ވަނަ ދުވަހުގެ 09:40 ހާއިރު ހެނބަދޫއިންނެވެ. އަދި 25 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ 11:40 ހާއިރު މަނަދޫއިންނެވެ.
މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން މި ދެމީހުން ދިރިއުޅޭ ގެ ކޯޓުއަމުރުގެ ދަށުން ފުލުހުން ބަލައި ފާސްކުރިއިރު 24 އަހަރުގެ މީހާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި އޮތް ސިނގިރޭޓު ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅު ފެނިފައިވާއިރު 25 އަހަރުގެ މީހާ ދިރިއުޅޭގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ ޒާތުގެ އާލާތްތައް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ