މައްސަލަ ހައްލުވަންދެން ކޮންމެ ދުވަހަކު މާލެއިން ކަރަންޓު ކަނޑަން ފަށައިފި

ސްޓެލްކޯގެ ޖެނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑަން ފަށައިފިއެވެ.
ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓު އުފެއްދުމުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެންދެން މާލޭގެ އެކި ހިސާބުން ކަރަންޓު ކެނޑޭނެ ކަމަށާއި ކަރަންޓް ކެނޑޭ ސަރަހައްދުތައް ސްޓެލްކޯގެ ވެބްސައިޓުން ބެހެން ހުންނާނެ ކަމަށެވެ.
ސްޓެލްކޯގެ ވެބްސައިޓުގައިވާ ގޮތުން މިއަދު ހެނދުނުން ފެށިގެން ހަވީރު 4:00 އާއި ހަމައަށް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެއެވެ. ވެބްސައިޓްގައި ވާގޮތުން ކޮންމެ ސަރަހައްދަކުން ވެސް ކަރަންޓް ކެނޑިފައި ހުންނާނީ އެއް ގަޑިއިރަށެވެ.
މައްސަލަ ހައްލުވަންދެން ކަރަންޓް ކެނޑޭނެ ގަޑިތައް ކޮންމެ ދުވަހަކުވެސް ސައިޓަށް އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ނަމަވެސް ކަރަންޓު ކަނޑަމުންދާނީ ކިހާ ދުވަހަކަށް ކަމެއް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެން ފަށާފައިވާއިރު، މާލެ އަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓެލްކޯއިން  90 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ.
މާލެއަށް މިވަގުތު ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސޮއިކުރެވުނު މި އެއްބަސްވުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެއެވެ. އަދި މި މަސައްކަތް ނިމުމުން މާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގައި މިހާރު ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ޗައިނާގެ ކުންފުނި މެދުވެރިކޮށް ނަގާ 76 މިލިޔަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން 8 މެގަވޯޓްގެ 6 ޖަނަރޭޓަރު މާލޭގައި ބެހެއްޓިގެން ދާއިރު،  50 މެގަވޯޓުގެ ކަރަންޓް އިތުރަށް ފޯރުކޮށްދެވޭނެއެވެ.
އަދި ޕްރޮޖެކްޓް ނިމުމުން މިހާރު ބޭނުންކުރަމުން ގެންދާ ޖަނަރޭޓަރެއް ނިއްވާލަން ޖެހުނު ނަމަވެސް، މާލެއިން ކަރަންޓް ކެނޑިގެން ނުދާނެ ކަަމަށާއި، އަލަށް އިމާރާތް ކުރަމުން ގެންދާ އިމާރާތްތަކަށާއި ސަރުކާރުގެ ބޮޑެތި އޮފީސްތަކަށް ވެސް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ