އަލީ އުމަރު މަނިކަށް އަޅުގަނޑު ދަރާފައިވާ ދަރަނި ވަރަށް ބޮޑު - މައުމޫން

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލް މަރްހޫމް ޢަލީ ޢުމަރު މަނިކު ދިވެހި ސަރުކާރަށް ކޮށްދެއްވި ޚިދުމަތްތަކަށް އެމަނިކުފާނު ވަނީ ދަރާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ، ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އަބްދުއްސައްތާރު މޫސާ ދީދީގެ ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މައުމޫން ވިދާޅުވީ 2015 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް ވަރަށް ހިތާމަވެރި އަހަރެއް ކަމަށެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވީ، 2015 ވަނަ އަހަރުގައި ދިވެހި ސަރުކާރަށް ތަފާތު ރޮނގު ރޮނގުން ޚިދުމަތް ކުރައްވާފައިވާ ޚިދުމަތުގެ އެންމެ މަތީ ދަރަޖައިގައި ފާހަގަކޮށްލެވޭ ޚާއްސަ ތިން ބޭފުޅަކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިވާތީ ކަމަށެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި އަވަހާރަވެފައިވާ، އަލްމަރްހޫމް  ޢަލީ ޢުމަރު މަނިކާއި  އަލްމަރްޙޫމް އަބްދުއްސައްތާރު މޫސާ ދީދީއާއި އަލްމަރްހޫމް އަބްދުﷲ ހަމީދަކީ ގައުމީ ޚިދުމަތުގެ ތިން ބަތަލުން ކަމަށް މައުމޫން ވިދާޅުވިއެވެ.
"މި ތިން ބަތަލުން އަޅުގަނޑުމެންނާ ވަކިވެވަޑައިގަތީ 2015 ވަނަ އަހަރު. އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި އެ އަހަރަކީ ގައުމީ ހިތާމައިގެ އަހަރެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަލް މަރްހޫމް ޢަލީ ޢުމަރު މަނިކަކީ ރާއްޖޭގެ ޝިޕިން ދާއިރާއަށް ހިތަށް ނާރާހާ ވަރުގެ ކުރިއެރުންތައް ހޯދައިދިން ބޭފުޅުން ކަމާއި އެމަނިކުފާނުގެ ޒައާމަތުގައި ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫއުތަކުގައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"އަލިމަނިކަކީ ދަންނަވާލި ކޮންމެ ކަމެއް ވަގުތުން ކޮށްދެއްވާ ބޭފުޅެއް. އަޅުގަނޑު ގާތުގަ ވިދާޅުވި، އެވާހަކައެއް އަޅުގަނޑު ދަންނަވާލީމާ ހާދަ ފުރިހަމަކޮށް ކޮށްދެއްވަމުއޭ ދަންނަވާލީމާ ވިދާޅުވޭ. ތިމަންނަ ދެކޭ ގޮތުގަ ރައީސުލްޖުމްހޫރިއްޔާ ދަންނަވާ ކަމަކަށް 24 ގަޑި އިރު ތެރޭ ޖަވާބު ދޭން ޖެހޭނެ އޭ. ހަމަ އެހެން ހެއްދެވީ. މެސެޖެއް ފޮނުވިއަސް، ސިޓީއެއް ފޮނުވިއަސް އަލި މަނިކުގެ ޖަވާބު އަޅުގަނޑުގެ މޭޒުމަތީގައި އޮންނާނެ. މިފަދަ ބޮޑެތި ކަންތައްތަކެއް ކޮށްދެއްވާފައިވާތީ އަލިމަނިކަށްވެސް އަޅުގަނޑު ދަރާފައިވާ ދަރަނި ވަރަށް ބޮޑު،" މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޖަލްސާގައި މައުމޫން  ވަނީ އަލްމަރްޙޫމް އަބްދުއްސައްތާރު މޫސާ ދީދީގެ ހަޔާތުގައި އެމަނިކުފާނު ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކާފައެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ސަރުކާރުގެ ސިއްރުތައް ހިފެހެއްޓުމުގައި އަމާނާތްތެރިކަމާއި އިޚުލާސްތެރިކަން އިސްކުރެއްވި ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ