މެންބަރުންގެ އަދަދު ހިފަހައްޓަން ގާސިމް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87ގައި ހިފެހެއްޓުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު، ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން މިއަދު ބޭރުކޮށްލައިފި އެެވެ.
ވީ ކިހިނެއް؟ - އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާލުމަށް ފަހު، ބިލު ބަލައިގަތުމާ މެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވީ ބިލު ބޭރުކޮށްލުމަށެވެ.
ތަފްސީލު - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދުކުރައްވާފައިވާ މި އިސްލާހު މަޖިލީހުން ބޭރުކޮށްލީ 25 މެންބަރުން ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. އެއީ:
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ސަނީފް (އެމްޑީޕީ)
އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު (ޖުމްހޫރީ ޕާޓީ)
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަލީ ހުސައިން (ޖުމްހޫރީ ޕާޓީ)
ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު (އެމްއެންޕީ)
ފެލިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަޒުލް ރަޝީދު (ޕީއެންސީ)
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް (އަމިއްލަ)
އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ލަތީފް ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. 
ފާހަގަކޮށްލެވޭ ކަމެއް - މެންބަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަށް އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ތާއީދު ކުރައްވާފައިވެ އެވެ. ނަމަވެސް، މިއަދު ބިލު ބޭރުކޮށްލީ އެމްޑީޕީއަށް ނިސްބަތްވާ 25 މެންބަރުންގެ ވޯޓުންނެވެ.
އިތުރަށް ކިޔާލަން - މެންބަރުންގެ އަދަދު ހިފެހެއްޓުން: އެމްޑީޕީގައި ހިޔާލު ތަފާތުވުން
އެނގުން މުހިންމު - ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ 5،000 މީހުންގެ އާބާދީ އަކީ އިދާރީ ވަކި ދާއިރާ އެވެ. އެއާ އެކު، ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން:
17 ވަނަ ރައްޔިތުންގެ މަޖިލިސް - 77 މެންބަރުން
18 ވަނަ ރައްޔިތުންގެ މަޖިލިސް - 85 މެންބަރުން
19 ވަނަ ރައްޔިތުންގެ މަޖިލިސް - 87 މެންބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ