ޔޫރަޕްގައި މިހާރު ފެންނަނީ އިނގިރޭސި ކްލަބްތަކުގެ ވަރުގަދަކަން

ސްޕެއިންގެ ފުޓްބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ގުލެމް ބަލަގުއޭ ބުންޏެވެ:
"ކުރިއަށް އޮތް ފަސް އަހަރު އަހަރެމެންނަށް ފެންނާނީ ފުޓްބޯޅައިގެ މައިދާން ފަތަހަކުރާ ބަޔަކީ އިނގިރޭސިންކަން."
މިހާރު ކުރިއަށްދާ ޗެމްޕިއަންސް ލީގުގެ ތަފާސްހިސާބުން ވެސް، އޭނާގެ ވާހަކައަށް، ބާރު ލިބެ އެވެ. މި ހަފުތާގައި އިނގިރޭސި ކްލަބްތައް ކުޅުނު ހަ މެޗުގެ ތެރެއިން އާސެނަލް، މެންޗެސްޓަ ސިޓީ، ލިވަޕޫލް، ޓޮޓެންހަމް އަދި ނިއުކާސަލްގެ މެޗުތައް ކާމިޔާބުކުރި އެވެ. ޗެލްސީ މެޗު އެއްވަރުވީ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ ކްލަބްތައް މިހާތަނަށް މޮޅުވި މެޗުތަކުގެ ނިސްބަތް، ޔޫރަޕްގެ އެހެން ގައުމުތަކުގެ ލީގުތަކަށް ނިސްބަތްވާ ކްލަބްތަކަށް ވުރެ މާ މައްޗެވެ. ތިރީގައި އެވަނީ އެ ހިސާބުތަކެވެ.
އިނގިރޭސި: ކުޅުނު 24، މޮޅުވި 17، ނިސްބަތް: %70
ޖަރުމަން: ކުޅުނު 16، މޮޅުވި 8، ނިސްބަތް: %50
އިޓަލީ: ކުޅުނު 16، މޮޅުވި 7، ނިސްބަތް: %44
ފްރާންސް: ކުޅުނު 12، މޮޅުވި 5، ނިސްބަތް: %42
ސްޕެއިން: ކުޅުނު 20، މޮޅުވި 8، ނިސްބަތް: %40
ދުނިޔޭގެ އެންމެ ފެންވަރު މަތީ ލީގުތައް ނިސްބަތްވަނީ ޔޫރަޕްގެ ފުޓްބޯޅައަށެވެ. އެހެންކަމުން ދުނިޔޭގެ ފުޓްބޯޅަ ކޮންޓްރޯލްކުރާ ބަޔަކީ ޔޫރަޕެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއަ ލީގަކީ ދުނިޔޭގެ އެއްވަނަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މާލީ ގޮތުން ޕްރިމިއަ ލީގުގެ ނުފޫޒު ގަދަވުމުގެ ފައިދާ އިނގިރޭސި ލީގަށް ވަރަށް ބޮޑެވެ. މޮޅެތި ކުޅުންތެރިންނާއި މޮޅު ކޯޗުން ގެންގުޅުމުގެ ފުރުސަތު، އާމްދަަނީގެ ތެރެއިން ލިބެ އެވެ. ތިރީގައި އެވަނީ ބްރޯޑްކާސްޓިން ރައިޓްސް ވިއްކައިގެން ޓީމުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަސް ލީގެވެ.
އިނގިރޭސި ޕްރިމިއަ ލީގު: 142 މިލިއަން ޑޮލަރު
ލަލީގާ: 60 މިލިއަން ޑޮލަރު
ބުންޑެސްލީގާ: 53 މިލިއަން ޑޮލަރު
ސިރިއޭ އޭ: 48 މިލިއަން ޑޮލަރު
ލީގު 1: 22 މިލިއަން ޑޮލަރު
އިނގިރޭސި ލީގުގެ މުއްސަނދިކަމުގެ ބޮޑުކަން މިދިއަ ހޫނު މޫސުމުގައި ކުޅުންތެރިންނަށް ހޭދަކުރި ފައިސާއިން ވެސް އެނގެ އެވެ. ޔޫރަޕްގެ އެހެން އެއްވެސް ލީގަކަށް އިނގިރޭސި ކްލަބްތަކާ އެއްވަރެއް ނުކުރެވުނެވެ. އިނގިރޭސި ކްލަބްތަކުން ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރު ހޭދަކުރި އިރު ދެވަނާގައި އުޅޭ އިޓަލީ ލީގުގެ ހޭދައަކީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރެވެ. ޖަރުމަނާއި ސްޕެއިން އަދި ފްރާންސް ލީގަށް ކައިރި ވެސް ނުކުރެވެ އެވެ.
ޗެމްޕިއަންސް ލީގުގައި އިނގިރޭސި ލީގުން ނޫނީ ހަ ޓީމު ވާދަކުރާ އެހެން ބަޔަކު ވެސް ނެތެވެ. އެހެން އެވަނީ ލީގުގެ ގަދަ ހަތަރު ޓީމަށް ލިބޭ ފުރުސަތުގެ އިތުރުން ޔޫރަޕްގެ އެހެން މުބާރާތްތަކުގައި އިނގިރޭސި ކްލަބްތަކުން ނެރުނު ނަތީޖާ ރަނގަޅުވެގެން ފަހިވި ދެ ފުރުސަތާ އެކު އެވެ. އޭގެ މާނައަކީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުގައި އިނގިރޭސި ޓީމުތައް ވަރުގަދަވުމެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ގަދަކޮށް އޮތުމަކީ އެ މުބާރާތުގެ އެހެން ބުރުތަކުން އިނގިރޭސި ޓީމުތަކަށް މޮޅުވުން ކަށަވަރުވުމެއް ނޫނެވެ. މިދިއަ ސީޒަންގައި ލިވަޕޫލްއަކީ ލީގު ބުރުގެ އެއް ވަނަ އެވެ. ނަމަވެސް ނޮކްއައުޓް މެޗުތަކުގައި ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވެގެން ކެޓީ އެވެ. ޕީއެސްޖީ އަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.
ނަމަވެސް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އިނގިރޭސި ލީގުން ދުނިޔޭގެ ފުޓްބޯޅަ ކޮންޓްރޯލްކޮށްފި އެވެ.
ބަޔާން މިޔުނިކް: ކުޅުނު 4، ޕޮއިންޓް 12
އާސެނަލް: ކުޅުނު 4، ޕޮއިންޓް 12
އިންޓަ މިލާން: ކުޅުނު 4، ޕޮއިންޓް 12
މެންޗެސްޓަ ސިޓީ، ކުޅުނު 4، ޕޮއިންޓް 10
ޕީއެސްޖީ: ކުޅުނު 4، ޕޮއިންޓް 9
ނިއުކާސަލް: ކުޅުނު 4، ޕޮއިންޓް 9
ރެއާލް މެޑްރިޑް: ކުޅުނު 4، ޕޮއިންޓް 9
ލިވަޕޫލް، ކުޅުނު 4، ޕޮއިންޓް 9
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ