ބޯޓަށް މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ސަރަހައްދަކުން ނޫން: ފުލުހުން
        ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ސްރީލަންކާގެ ނޭވީއިން އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫން ކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެތައް ބިލިއަން ރުފިޔާއަށް އަގުއަރާ، މަސްތުވާތަކެތީގެ ޝިޕްމަންޓެއް ނަގައިގެން، ސްރީލަންކާއަށް ދިޔަ "ސީދޭވީ"، އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އަތުލައިގަތް ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.މި ޚަބަރާ ގުޅިގެން ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާއެކު އިއްޔެ ލަންކާއިން އަތުލައިގަތް މަސް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާ ފުލުހުން، ދިވެހިން ފުލުހުންނަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ."ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުންޏެެވެ.އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.މި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތްވެސް ހިމެނެ އެވެ.ލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޑްރަގު ނެޓްވޯކުގެ ބޮޑަކީ ދުބާއީގައި އުޅޭ "ދިނުކާ" ކިޔާ މީހެކެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ