އަބްދުއްރަޙުމާންގެ މަރުގެ މައްސަލައިގެ ޝަރީއަތް ފަށައިފި
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ. ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން، އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ އޮގަސްޓު މަހު 21ގައެވެ. އެއީ، އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދާއި، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސެވެ. https://www.sun.mv/214121 މި ތިން މީހުންގެ ތެރެއިން އާޝިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރާއިރު، ވިސާމާއި، ފާރިސްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާ މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށް ޢަބްދުއްރަޙްމާންގެ އާއިލާއިން މީގެ ކުރިން ބުންޏެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުވާލިބޭ މީހުންނަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ދިނުމަށް ފަހު، އެ މައްސަލާގެ ލިޔުންތައް ލިބިފައިވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ސުވާލު ކުރެއްވުމުން، ތިން މީހުންގެ ވަކީލް ވިދާޅުވީ ބައެއް ލިޔުންތައް މަދު ކަމަށް ފާހަގަވާ ކަމަށެވެ. ޑީއެންއޭ ރިޕޯޓާއި ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުންދާތީ އެ ރިޕޯޓް މިހާތަނަށް ނުލިބޭކަން މިއަދުގެ އަޑު އެހުމުގައި ދައުލަތުންވެސް ފާހަގަ ކުރިއެވެ. އެ ރަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ކުރިން ބުނި ގޮތުގައި އެ ތިން ޒުވާނުންނަކީ ވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ޒިންމާދާރު ބައެކެވެ. އަދި، އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއް ކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ މާޅޮހުގެ ސްޓެލްކޯ ގޮފީގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ. މި ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެ ރަށު މީހުން ބުނާ ގޮތުންނަމަ އަބްދުއްރަހްމާނަކީ ސިހުރުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. އެކަމަކު، އާއިލާއިން އެ ތުހުމަތު ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ