ސްޕީޗް އެޑިޓް ކުރި ކަމަށް ބުނެ ޓްރަމްޕް ބީބީސީއާ ދެކޮޅަށް ދައުވާކޮށްފި
ދެހާސް އެކާވީސް ވަނަ އަހަރު ޖެނުއަރީ ހަ ވަނަ ދުވަހު ދެއްވި ތަގުރީރެއް ގަސްދުގައި ބަދަލުކޮށް އޮޅުވާލި ކަމަށް ވިދާޅުވެ، ބްރިޓިޝް ބްރޯޑްކާސްޓިން ކޮމިޝަން، ބީބީސީއާ ދެކޮޅަށް ފަސް ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޯއްދެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވާކުރައްވައިފިއެވެ. އެ މައްސަލައިގައި ދައުވާ ކުރާނެ ކަމަށް ބުނެ މިދިޔަ ނޮވެމްބަރު މަހު ޓްރަމްޕް ވަނީ ބީބީސީއަށް ސިޓީއެއް ފޮނުވާފައެވެ. މަޔާމީގެ ފެޑެރަލް ކޯޓަށް ހުށަހެޅި އެ ދައުވާގައި ބުނެފައި ވަނީ އެމެރިކާގެ ކެޕިޓޮލް އިމާރާތަށް 2021 ވަނަ އަހަރު އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގައި ގެއްލުން ދިން ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެއްގެ މާނަ އޮޅޭ ގޮތަށް އެޑިޓްކޮށް ގެނެސްދީފައިވާ ކަމަށެވެ. އަދި އެއީ ޓްރަމްޕް ދެއްވި ދެ ތަގުރީރެއް އެއްކޮށްލައިގެން ގަސްތުގައި ކުރި ކަމެއް ކަމަށްވެސް އެ ދައުވާގައި ބުނެފައިވެއެވެ. ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ދެއްކީ 2021 ވަނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެކެވެ. އެ މައްސަލައިގައި ބީބީސީން ރަސްމީކޮށް ވަނީ ޓްރަމްޕްގެ ކިބައިން މައާފަށް އެދިފައެވެ. ނަމަވެސް އޭރު ޓްރަމްޕް ކުރައްވަން އުޅުއްވި އަބުރުގެ ދައުވާގެ އަސާސް ބީބީސީން ވަނީ ދޮގުކޮށްފައެވެ. "ގާތްގަޑަކަށް 55 މިނިޓްގެ ދުރުމިން ހުރި ދެ ތަގުރީރު އެއްކޮށްލައިގެން ބީބީސީގެ ނޫސްވެރިންނާއި ޕްރޮޑިއުސަރުން ގެނެސްދޭނީ ގަސްތުގައި. އެއީ އޮޅުމަކުން ވާނެ ކަމެއް ނޫން." އެ ދައުވާގައި ބުނެފައިވެއެވެ. އެ މައްސަލަ ބޮޑުވެ ބީބީސީގެ ޗީފް އެގްޒެކެޓިވް ޓިވް ޑޭވީ އިސްތިއުފާ މަގާމުން އިސްތިއުފާ ވެސް ދެއްވިއެވެ. ޓްރަމްޕަކީ އާންމުކޮށް ނޫސް ތަކަށް ފާޑުކިޔުއްވާ އިންޒާރު ދެއްވާ ބޭފުޅެކެވެ. ދާދި ފަހުން ސީއެންއެންއާ ދެކޮޅަށްވެސް ޓްރަމްޕް ވަނީ ދައުވާ ކުރައްވާފައެވެ. އެ ދައުވާއަކީ 2020 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕް މަކަރާއި ހީލަތުގެ ދޮގު ވާހަކަތައް ސިފަކުރުމަށް 'ބިގް ލައި' ނުވަތަ 'ބޮޑު ދޮގު' މި ލަފުޒު ބޭނުންކުރި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ކުރި ދައުވާއެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކޯޓުން ފަހުން ވަނީ ބޭރުކޮށްލާފައެވެ. ދޮގު ރިޕޯޓުތަކެއް ގެނެސްދިން ކަމަށް ތުހުމަތުކޮށް އޭބީސީ އާއި ސީބީއެސް އާ ދެކޮޅަށް ކުރި ދައުވާތަކުގައި ވެސް އެތައް މިލިއަން ޑޮލަރެއްގެ ސެޓްލްމަންޓްތަކެއް ހަދާފައިވެއެވެ. ދަ ނިއުޔޯކް ޓައިމްސް އާއި ދަ ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ޓްރަމްޕް ކުރެއްވި ދައުވާތައް އަދިވެސް ނުނިމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ