ރިޔާޒުގެ ދިފާއުގައި ގިނަ ބަޔަކު ޝުއޫރު ފާޅުކުރަނިކޮށް، މައްސަލަ އަލުން ބަލައިދޭން އެދިއްޖެ
ކޮރަޕްޝަންގެ ތުހުމަތުގައި ކަސްޓަމްސްއިން ވަކިކުރެއްވި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ މައްސަލަ އަލުން ބަލައިދިނުމަށް، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ. ކުޑޫ މަޖިލީހުގައި މިފަދައިން އެދިވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޔާޒާއި ކަސްޓަމްސްގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރެއް ކަމަށްވާ ޢަބްދުﷲ ވަހީދު އިއްޔެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް'ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން އެ ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަކިކޮށްފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ނިންމުން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށެވެ. ރިޔާޒު ވަނީ މި ތުހުމަތު ދޮގުކުރައްވާފައެވެ. މިކަމާ ގުޅިގެން އޭނާގެ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ކުޑޫ، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ރިޔާޒަކީ އިޚުލާސްތެރިކަމާއެކު ކަސްޓަމްސްގައި 33 އަހަރު ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައިފައެވެ. އިއްޔެ ކަސްޓަމްސްއިން ވަކިކުރި މަހްމޫދު ރިޔާޒް: މަހްމޫދު ރިޔާޒުގެ މައްސަލަ އަލުން ބަލައިދިނުމަށް، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި-- ފޮޓޯ: ކަސްޓަމްސް "މި ދިގު މުއްދަތުގައި މިފަދަ އެއްވެސް ކަމެއްގައި މަހުމޫދު ރިޔާޒުގެ އެއްވެސް ނުރަނގަޅު ރެކޯޑެއް އޮތް ފަރާތަކަށް ނުވާތީ، މި މައްސަލަ އަލުން ބައްލަވައިދެއްވުން އެދި އަދަބުވެރިކަމާއެކު ދަންނަވަމެވެ." ކުޑޫގެ ސިޓީގައިވެއެވެ. ރިޔާޒު ވަކިކުރުމާ ގުޅިގެން، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް އޭނާ ފޮނުއްވި މެސެޖެެއްގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. "މާތްالله ގަންދީ ހުވާކޮށްފައި ބުނަން ގޯސް ކަމެއްގައި ބައިވެރިވެފައެއް ނުވާނެ. އަދި، ނުވެސް ވާނަން," އޭނާ ލިޔުއްވާފައިވެއެވެ. https://sun.mv/213326 މީގެ އިތުރުން، ރިޔާޒުގެ ދިފާއުގައި ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެއެވެ. އެގޮތުން ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޢަބްދުالله ޝަރީފް ފޭސްބުކުގައި ލިޔުއްވާފައިވަނީ އޭނާ ރިޔާޒާ އެކު 30 އަހަރު މަސައްކަތްކުރެއްވިއިރު ވެސް ފެނިފައިވަނީ ވަރަށް ގާބިލު, އަދި ޕްރޮފެޝަނަލް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ރިޔާޒު ވަކިކުރި، ވަކި ކުރުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވިދާޅުވެ ޝަރީފް ވެސް ވަނީ ރައީސްގެ މި ނިންމެވުން ރަނގަޅަށް ބެއްލެވުމަށް އެދިވަޑައިގެންފައެވެ. މިއީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓުތަކުގެ މައްސަލައާއި، ބޮންޑެޑް ވެއާހައުސްގައި ބަހައްޓާފައި ހުއްޓާ ކަސްޓަމްސްއަށް ނޭނގި، ގަވާއިދާ ޚިލާފަށް އެ ސިނގިރޭޓުތައް ނެރުނު މައްސަލައެވެ. ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ހޯކްސްގެ ބޯޓަކުން ވަގަށް އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ވެއާހައުސްގައި ހުރި ސިނގިރޭޓު ޝިޕްމަންޓެއް ގެއްލުނު މައްސަލަ ފެންމަތިވީ އޭގެ ފަހުންނެވެ. ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ