މީހުން ދިރިއުޅޭ ގޭގޭގަ ޖިންނި އުޅޭތަ؟ އެކަން އެނގޭނީ ކިހިނެއްތަ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ގޭގައި ޖިންނިއުޅޭކަން އެތައް ގޮތަކުން އެނގިފައި އެބަހުއްޓެވެ. ބައެއް ޙާލަތްތަކުގައި ގޭގައި އުޅޭ މީހުންނާއި ނުއުޅޭ މީހުންގެ ސިފައިގައި ފެނިފައިވެސް އެބަހުއްޓެވެ. އަދި ބައެއް ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި އަޑުތައްވެސް އިވެއެވެ. އެއްޗެއް ވެއްޓޭ އަޑުފަދަ އަޑެއް އިވިގެން ގޮސްބަލާއިރު އެއްވެސް އެއްޗެއް ވެއޓިފައިވާތަން ނުފެންނަ މައްސަލަތައްވެސް ކުރިމަތިވެއެވެ.
ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ގޭގައި އުޅެނީ މުއްމިން ޖިންނިއެއް ނަމަ އެކަމުގެ ސަބަބުން ގެއްލުންތަކެއް ނުލިބިދާނެއެވެ. އަދި ފައިދާވެސް ކޮށްފާނެއެވެ. ނޫންނަމަ ބޮޑެތި ދެރަތައްވެސް ލިބިދާނެއެވެ.
ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ގޭގައި ތިމާ ގެންގުޅޭ ތަކެތި ބަހައްޓާ ތަނުގައި ނުހުންނަމަ ޢާނމު ގޮތެއްގައި ކުށްވެރިކުރެވޭނީ ކޮންމެވެސް މީހެކެވެ. ދަރިން ނުވަތަ ބައިވެރިޔާ ނުވަތަ އެނޫންވެސް ގޭގައި އުޅޭ ކޮންމެވެސް މީހެކެވެ. އެހެންވެ ޙައްޤު ނޫން ބަސްތައްވެސް އެހެން މީހުންނަށް ބުނެވެއެވެ.
ބައެއް ފަހަރު އެފަދަ ކަންކަން ދިމާވަނީ ބެހެއްޓުނުތަން ހަނދާން ނުހުންނާތީއެވެ. އަދި އިންތިޒާމަކުން ތަކެތި ނުބަހައްޓާނަމަ އެފަދަ ކަންކަން މެދުވެރިވުންވެސް ގާތެވެ.
ބުނަންހެއްޔެވެ؟ ފަރުވާތެރިކަމާއިއެކު އިންތިޒާމުކޮށްގެން ތަކެތި ބަހައްޓާއިރުވެސް ބެހެއްޓި ތަނުގައި ނުހުންނަނަމަ އެއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ސަބަބަކީ ގޭގައި ޖިންނި އުޅޭނަމަ އެފަދަ ކަންކަން މެދުވެރިވާނެއެވެ. ތަކެތި ބަހައްޓާތަން ނޫން ތަންތަނަށް ބަދަލުކުރާނެއެވެ.
ވީމާ ގޭގައި ނަމާދުކޮށް ޤުރްއާން ކިޔެވުން ގިނަކުރާށެވެ. ޚާއްޞަކޮށް ބަޤަރާ ސޫރަތް ކިޔަވާށެވެ. ބަޤަރާ ސުރަތް ކިޔެވާ ގެއަކާއި ޖިންނި ޝައިޠޯނުންނަކަށް ކައިރިއެއް ނުވެވޭނެއެވެ. ވައިވެސް ނޭޅެވޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ! އިން ޝާ ﷲ
އަދިވެސް ބުނަން ހެއްޔެވެ؟ ޖިންނިން އެގެއެއްގައި އުޅޭނަމަ ކަރަންޓްވެސް ކަނޑާނެއެވެ. ގޭގައި އަލިފާނުގެ ޙާދިސާތައްވެސް ހިނގުން ގިނަވާނެއެވެ.
އަހުރެންގެ ނަޞޭޙަތަކީ ޚަޠިމްކުރަން ޤުރްއާން ކިޔެވިނަމަވެސް އިތުރުން ބަޤަރާ ސޫރަތް ކިޔަވަމުން ގެންދިއުމެވެ. އަދި ގެއިން ނުކުންނައިރުގައާއި ވަންނައިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުން އާދަކުރާށެވެ! އެއިރުން ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މީހުން ދިރިއުޅޭ ގޭގޭގަ ޖިންނި އުޅޭތަ؟ އުޅޭނަމަ އެކަން އެނގޭނީ ކިހިނެއްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ