ދައުލަތުގެ ބޮޑެތި އިދާރާތަކުގެ ދޯހަޅިކަމެވެ. އެ ނޫން އެއްޗެއް ބުނެވޭކަށް ނެތެވެ.
ސިނގިރޭޓްގެ ބޮޑު ވައްކަން ފަޅާއެރުމާ އެކުއެކުގައި ކަހަލަ ގޮތަކަށް ކަސްޓަމްސްގެ ކުރީގެ ސީނިއަ މުވައްޒަފެއްގެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނިވިއިރު، އޭނާ އެ ހުރީ އެހެން ކުންފުންޏެއްގެ އިސް މަގާމެއްގަ އެވެ: ނަމަކީ މުއާޒު އަލީ އެވެ.
ސީނިއަ ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުއްޓާ ކަސްޓަމްސްއިން މުއާޒު ވަކިކުރީ 2019ގަ އެވެ. އޭނާއާ ގުޅިފައި އޮތީ ވައިގެ މަގުން ރާއްޖެއަށް ވަގަށް އެތެރެކުރި 450 ކޭސް ސިނގިރޭޓް ހިފަހައްޓާފައި ވަނިކޮށް ރީއެކްސްޕޯޓްކުރުމުގެ ނަމުގައި ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ނެރެ، އެ 'ގެއްލުވާލި' އަމަލާ އެވެ.
އޭގެ ތެރެއިން 430 ކޭސް ސިނގިރޭޓް ބޮންޑެޑް ވެއާހައުސްއިން ނެރެ ދޯންޏަކަށް ބަރުކުރިކަން އެނގެ އެވެ. އޭގެ ފަހުން އެ ސިނގިރޭޓްތަކަށް ވީ ގޮތް ހޯދިފައެއް ނުވެ އެވެ. ޔަގީންވާ ކަމަކީ ރީއެކްސްޕޯޓްނުކުރާ ކަމެވެ.
މުއާޒުގެ މައްސަލަ އޭރު ކަސްޓަމްްސްގެ އެތެރޭގައި ތަހުގީގުކޮށް، އޭސީސީއަށް ހުށައެޅި އެވެ. ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓް ނެރުނުކަމާއި އޭގެ ފަހުން އެއަށް ވީ ގޮތް ނޭނގުމުގެ މައްސަލަ އޭސީސީން 2019ގައި ބަލާފައި އޮތްކަން، އެ ކޮމިޝަނުގެ ވެބްސައިޓުން މި ވަގުތު ލިބެން ހުރި ލިއުންތަކުން އެނގެ އެވެ. އެކަމަކު އެ ތަހުގީގުގައި މުއާޒު ހިމެނޭކަން ކަށަވަރެއް ނޫނެވެ. ނުވަތަ މުއާޒުގެ ވަކި މައްސަލައެއް އޭރުންސުރެ އޭސީސީން އެ ދިޔައީ ތަހުގީގުކުރަމުންނެވެ.
މި މަހު 8ގައި މުއާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މައްސަލައެއް ފޮނުވުމުން އެނގެނީ އޭނާއާ ބެހޭ ތަހުގީގެއް ކުރިއަށް ދިޔަ ކަމެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވިކަން އޭސީސީން އިއުލާންކުރީ މި މަހު 12ގަ އެވެ. މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރި 1،360 ކޭސް ސިނގިރޭޓް، އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހިފަހައްޓާފައި ހުއްޓާ ވަގަށް ގެންދިޔަކަން ފަޅާއެރީ މި މަހު 8 ގަ އެވެ. އެ ވައްކަމުގެ ތުހުމަތުގައި މުއާޒު ހައްޔަރުކުރީ މި މަހު 15 ގަ އެވެ.
އޮޅުންތަކެއް އެބަ އަރަ އެވެ. އޭސީސީ ސާފުކޮށްދޭން ޖެހޭ މައްސަލައެކެވެ. ސުވާލަކީ މުއާޒަށް ދައުވާކުރަން އޭސީސީން މި މަހު 8 ވަނަ ދުވަހު ޕީޖީއަށް ހުށައެޅީ، 1،360 ކޭސް ސިނގިރޭޓް ވަގަށް ގެންދިއުމުގެ މައްސަލަ ފަޅާއެރުމުން އޭނާއަށް ތުހުމަތުގެ އިނގިލި، ކަމާ ބެހޭ އިދާރާތަކުން، ދިއްކުރަން ފެށުމުން ހެއްޔެވެ؟ ނޫނީ 8 ވަނަ ދުވަހު ޕީޖީއަށް މައްސަލަ ފޮނުވުމާއި ހަމަ އެ ދުވަހު އެ ބޮޑު ވައްކަން ފަޅާއެރުމާ އިއްތިފާގަކުން ދިމާވީ ހެއްޔެވެ؟ އަދި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވިކަން 12 ވަނަ ދުވަހު ވެބްސައިޓްގައި އިއުލާންކުރީ، ބޮޑު ވައްކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރާކަމުގެ އިޝާރާތެއް ލިބިގެން ހެއްޔެވެ؟
ހުޅުމާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއިން 430 ސިނގިރޭޓް ރީއެކްސްޕޯޓްކުރުމުގެ ނަމުގައި ބޭރުކުރީ 2018ގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭސީސީން 2019ގައި ނިންމި ތަހުގީގުގައި ބުނެފައި ވަނީ ބޮންޑެޑް ވެއާހައުސްއިން އެ ސިނގިރޭޓްތައް ނެރުނީ ރީއެކްސްޕޯޓްކުރަން ކަސްޓަމްސްގެ ތެރެއިން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ކަމަށެވެ. އެކަމަކު ރީއެކްްސްޕޯޓްކުރަން ވީއައިއޭއަކަށް އެ އެއްޗިއްސެއް ނުގެންދެ އެވެ. ކަނޑު މަތިން އެއަށް 'ހެދި ގޮތެއް ހެދީ' އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި މުއާޒް ވަނީ އެ ސިނގިރޭޓް އެތެރެކުރި ކުންފުނީގެ ބަޔަކާ ބައްދަލުކޮށް ރިޝްވަތަށް އެދިފަ އެވެ. އޭނާ ފައިސާއަށް އެދޭ ތަން ފެންނަ ވަގު ވީޑިއޯއެއް ވެސް ކުރި އެވެ. ކަސްޓަމްސްއަށް އެ ވީޑިއޯ ލިބުނެވެ.
އޭސީސީން މި މަހު 12 ވަނަ ދުވަހު އާންމުކުރި ހަބަރުގައި ބުނީ "430 ކޭސް ރީއެކްސްޕޯޓްކުރަން ފުރިހަމަކުރަން ޖެހޭ އިޖުރާއަތެއް ފުރިހަމަކޮށް، ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީއެކްސްޕޯޓްކޮށްފައި ނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަލަމުން ދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވެ އެވެ" މިހެންނެވެ.
ކަސްޓަމްސްއާ ގުޅުން ހުރި ބައެއް މީހުން ބުނާ ގޮތުގައި 430 ކޭސް ސިނގިރޭޓް 'ކަނޑުމަތިން' ގެއްލުމުގެ މައްސަލާގައި މުއާޒުގެ އިތުރުން ވެސް ކަސްޓަމްސްގެ ބައެއް މީހުން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން އޭރު ކަސްޓަމްސްއިން ރިޓަޔަކުރީކަމާއި އެ މީހުންގެ މައްސަލަ ކަސްޓަމްސްއިން ތަހުގީގުނުކުރީ އެ ކުށުގައި ބައިވެރިވާކަމުގެ ސީދާ ހެކި ފެންނަން ނެތީމާ ކަމަށް ވެސް، މައުލޫމާތު ހުރި ބައެއް މީހުން ކިޔައިދިނެވެ. މުއާޒުއާ ދެކޮޅަށް ހެކި ލިބުނީ އެ ސިއްރު ވީޑިއޯއިން ކަމަށްވެ އެވެ.
އެ ސިނގިރޭޓް ކޭސްތަކަށް ވީ ގޮތް އަދިވެސް ނޭނގެ އެވެ. އެކަމަކު އޭސީސީން 2019ގައި ބެލި މައްސަލާގައި ބުނެފައި އޮތީ ސިނގިރޭޓް އެތެރެކުރި ކުންފުނީގެ އަތުން އޭގެ ޑިއުޓީ ހޯދަން ކަސްޓަމްސްއިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ޑިއުޓީގެ ފައިސާ ކަސްޓަމްސްއަށް ދެއްކި ކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވެ އެވެ.
އަލުން މުއާޒުގެ ނަން މި އައީ މިދިއަ 26 އެޕްރީލްގައި، ވީއައިއޭގެ އާ ޓާމިނަލްގެ ކޮންޓްރެކްޓަރު ބިންލާދިން ގްރޫޕްގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރި 1،360 ކޭސް ސިނގިރޭޓްގެ ތަހުގީގު ނިމެންދެން އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ގެންދިޔަ މައްސަލާގައި އޭނާ ހައްޔަރުކުރުމުންނެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިފަ އެވެ.
އެ ވައްކަމުގައި މުއާޒުގެ ބައިވެރިވުން އޮތީ ކިހިނެއް، ކިހާ ވަރަކަށް ކަން އަދި ހާމައެއްނުކުރެ އެވެ.
ސިނގިރޭޓް ކޭސްތައް ބަހައްޓާފައި ހުރި ދެ ކޮންޓޭނަރު ބަނދަރުން ނެރެ، ވަގަށް ހުސްކުރީ ހުޅުމާލޭ ތިނަކަށް ގެންގޮސްގެން ކަމަށް، ބައެއް މީޑިއާތަކުން ބުނެ އެވެ. އޭގެ ފަހުން އަނެއްކާ އެ ދެ ކޮންޓޭނަރު އަނބުރާ ބަނދަރަށް ވައްދައި، ކުރިން އެ ހުރި ތަނުގައި ބެހެއްޓީ ކަން ވެސް، ފެތުރިފައިވާ ބައެއް އަޑުތަކުން އެނގެ އެވެ. ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާ އެ ސިނގިރޭޓް ޝިޕްމެންޓް ގެއްލުނު ގޮތާއި އެއަށް ހެދި ގޮތް، ކަމާ ބެހޭ ރަސްމީ ފަރާތްތަކުން އަދި ހާމަައެއްނުކުރެ އެވެ.
މުއާޒު ހައްޔަރުކުރި އިރު އޭނާ ހުރީ މަސް ކުންފުނި މިފްކޯގެ އިންޖިނިއަރިން ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ. ސުވާލު އުފެދޭ ކަމަކީ ބޮޑެތި ތުހުމަތުތަކާ އެކު ދައުލަތުގެ އެއް އިދާރާއަކުން ކަނޑާލާފައި ހުންނަ މީހަކަށް އަނެއް އޮފީހަކުން ފުރުސަތު ދޭތީ އެވެ. އެކަމަކު ރާއްޖޭގެ ސަރުކާރުތައް މިހާރު ހިންގަމުން އަންނަ ގޮތަށް ބަލާ ނަމަ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ވެސް ނޫނެވެ. މިހާރު މި ފެންނަނީ އެއް ސަރުކާރެއްގައި ބޮޑެތި ތުހުމަތުތައް އެޅޭ މީހުން، އެ ސަރުކާރު ނިސްބަތްވާ ޕާޓީ އަލުން ވެރިކަމަށް އައުމުން، އަނެއްކާވެސް ދައުލަތުގެ މަގާމުތައް ދޭ ތަނެވެ. އެފަދަ ވިޔާނުދާ މީހުން ދުރުކޮށް، ސަރުކާރުގެ އެތެރެ ސާފުކުރަން އުޅޭ ތަނެއް ނުފެނެ އެވެ.
މުއާޒަށް ދައުވާ އުފުލުމާއި އޭނާގެ މައްސަލަ ތަހުގީގުކޮށް ނިންމަން އެހާ ދުވަސް ނެގުމާއި ނުވަތަ ދައުވާނުކޮށް އެހާ ދުވަސް ވަންދެން ބޭއްވުން، މި ހުންނަނީ އޭސީސީއާ ގުޅިފައި ހުންނަ ދޯދިޔާ ކަންކަމެވެ. ރާއްޖޭގައި ބޮޑެތި ވައްކަމާއި ހިޔާނާތް ފެތުރި މުޅި ދައުލަތް ފުނޑެމުން ދިއުމަކީ މިހާރު ސިއްރެއް ނޫނެވެ. ބުއްދި ހުރި ކޮންމެ ދިވެއްސަކަށް ވެސް އެކަން އެނގި ކަށަވަރުވާނެ އެވެ.
މުއާޒަށް ރިޝްވަތުގެ ދައުވާކުރަން އޭސީސީން ފޮނުވީ ސިނގިރޭޓްގެ ބޮޑު ވައްކަމާ އެކުއެކުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ