އިސްރާއިލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލްވާން ރާއްޖެއިން ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބަލައިގެންފިއެވެ.
އެ މައްސަލައަށް ރާއްޖެއިން ތަދައްހުލްވާން ހުށަހަޅަން ޖެހޭ ޑިކްލަރޭޝަން ހުށަހަޅާފައިވާ ކަމަށް ބުދަ ދުވަހު އޭޖީގެ އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ހުށަހެޅުން ބަލައިގެންކަން އައި.ސީ.ޖޭއިން މިވަނީ ކަށަވަރު ކޮށްދީފައެވެ.
މިމައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައި.ސީ.ޖޭއަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ޚިލާފު ޢަމަލުތަކެއް ކަމަށް ބުނެއެވެ.
ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓަކީ ބަންޑާރަނައިބު އަލްއުސްތާޒު އަހުމަދު އުޝާމެވެ.
މިފަދަ މައްސަލަތަކުގައި ބައިވެރިވުމަށް އެޖެންޓުގެ ފަރާތުން ޑެކްލެރޭޝަން އޮފް އިންޓަވެންޝަން ހުށަހަޅަން ޖެހޭނެއެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ދިވެހިރާއްޖެއިން ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއް ކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ.
އެގޮތުން، އ.ދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އ.ދ. ގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު މި ނިރުބަވެރިކަމުގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވެން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
އިސްރާއިލާ ދެކޮޅު މައްސަލައަށް ތަދައްޚުލްވާން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ