ޣައްޒާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން ޤަޠަރުން ހުއްޓައިލައިފި

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ބާއްވަމުންދާ މަަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުން ޤަޠަރުން ހުއްޓައިލާފައިވާ ކަން އިޢުލާނު ކޮށްފިއެވެ. ޤަޠަރުގެ ޚާރިޖީ ވުޒާރާއިން މި ކަން ހާމަ ކުރަމުން ބުނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޒަޔަނިސްޓު ދައުލަތަށް އެ ކަން އަންގާފައިވާނެ ކަމުގައެވެ. އަދި، އަލުން މެދުވެރިއެއްގެ ގޮތުގައި މަޝްވަރާތައް ވިލަރެސް ކުރުމުގައި ބައިވެރިވާނީ، މަޝްވަރާތައް ކާމިޔާބު ކުރުމުގެ ޝަޢުޤުވެރިކަމާއި ސީރިޔަސް ކަން ޙަމާސާއި ޔަހޫދީންގެ ކިބައިން ފެނުމުން ކަމުގައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ގޮތުގައި ބައިވެރިވަނީ ޤަޠަރުގެ އިތުރުން މިޞްރުންނެވެ. ޔަހޫދީންގެ ޤަތުލުޢާންމުތަކުގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ދަނީ ނަމެއްގައި މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ. މަޝްވަރާތައް މި ވަގުތު މެދުކެނޑިފައި އޮތީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާތީއެވެ.
ޤަޠަރުގެ ވެރިރަށް ދަވްޙާގައި ހުންނަ ޙަމާސްގެ ސިޔާސީ ގޮފީގެ އޮފީސް ބަންދު ކުރަން އެމެރިކާއިން ޤަޠަރުގެ ސަރުކާރަށް ބާރުއަޅަމުންދާ ކަމަށް ބުނެ، ކޮށްފައިވާ ރިޕޯޓުތަކަށް ވެސް ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ރައްދު ދީފައެވެ. އެ ވުޒާރާއިން ބުނީ، ދަވްޙާގައި ތިއްބެވި ޙަމާސްގެ އިސްވެރިންނާއި، އެ ރަށުގައި ހުރި ޙަމާސްގެ އޮފީހުގެ ކުރިމަގާ ގުޅޭ ގޮތުން ފަތުރަމުން ދަނީ ދޮގު މަޢުލޫމާތެއް ކަމުގައެވެ.
ޙަމާސްގެ ސިޔާސީ ވެރިންނަށް ޤަޠަރުގައި ތިބުމުގެ ފުރުޞަތު އެ ޤައުމުން ދީފައި ވަނީ 2012ވަނަ އަހަރުއެވެ. އެ ނިންމުމާ އެކު، ޙަމާސާ އެކު ސިޔާސީ އަދި ޚާރިޖީ އެއްބަސްވުންތައް އެކުލަވައިލަން ފަސޭހަވެގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ޙަމާސްގެ އޮފިޝަލުން ވެސް ވަނީ، ޤަޠަރުން ފޭބުމަށް އެ މީހުންނަށް އަންގާފައި ނުވާ ކަން ސާފު ކޮށްދީފައެވެ.
ޤަޠަރަކީ އެމެރިކާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ. މެދުއިރުމަތީގެ ޤައުމެއްގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަނީ ވެސް ޤަޠަރުގައެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންގެ އަދި ހަތިޔާރު އެޅި ޖަމާޢަތްތަކާއި ހުޅަނގާ ދެމެދު އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޤަޠަރުން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ. މި ގޮތުން، ޙަމާސްގެ އިތުރުން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންގެ ޚާރިޖީ އޮފީހެއް ޤަޠަރުގައި ހުންނަ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ނުސީދާ މަޝްވަރާތަކުގައި ވެސް ޤަޠަރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,552އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,765 މީހުން ޒަޚަމު ކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ