ބައެއް ޓެކުހާއި ފީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ބިލެއް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު އަދި އިގުތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހޮވައިފި އެވެ.
ކޮމިޓީގެ މުގައްރިރަކަށް ގާސިމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ ނަން ހުށަހެޅުއްވީ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު އެވެ. ގާސިމް އާއި ފަޒާދު ހޮވުނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިންތިފާގުންނެވެ.
މި ކޮމިޓީ އިން ދިރާސާކުރާ ބިލްތަކަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކްސް ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެވެ.
އެ ގޮތުން މިހާރު 16 ޕަސެންޓްގައި ނަގާ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ސަރުކާރުން ދެން ހުށަހެޅީ ގްރީން ޓެކްސް ބޮޑުކުރުމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ތިން ޑޮލަރެވެ. ގާނޫނަށް ހުށަހެޅި އިސްލާހުގައި އެ އަދަދު ހަ ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ.
ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ. އެ އަދަދު 12 ޑޮލަރަށް ބޮޑުކުރަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ސަރުކާރުން ދެން ހުށަހެޅީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ ބޮޑެއް ނުކުރެ އެވެ. އެހެންކަމުން ސަރުކާރުން ހުށަހަޅާ އިސްލާހާ އެކުވެސް އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާނީ މިހާރުވެސް ނަގަމުންދާ 12 ޑޮލަރެވެ.
އެކަމަކު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމާ އެކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީއެއްގެ އަތުން މިހާރު ނަގަމުންދާ 30 ޑޮލަރުގެ ފީ 50 ޑޮލަރަށް އުފުލިގެންދާނެ އެވެ. މިއިސްލާހުގައި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަން ހުށަހަޅާފައިވަނީ 120 ޑޮލަރެވެ. މިހާރު ނަގަމުން ދަނީ 60 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު ނަގަންވެސް ހުށަހަޅާފައިވެ އެވެ. މިހާރު ނަގަމުން ދަނީ 90 ޑޮލަރެވެ.
ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގައި ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން މިހާރު ނަގަމުން ދަނީ 120 ޑޮލަރެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވަނީ އެ އަދަދު 480 ޑޮލަރަށް އިތުރުކުރުމަށެވެ.
ބިލްގައިވާ ގޮތުންނަމަ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ނަގާނީ އެއް އަދަދަކުންނެވެ.
އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައިވަނީ ރާއްޖެއަށް އެތެރެކުރާ ދުންފަތާއި އޭގެ ބާވަތްތަކުންނެވެ. އެ ގޮތުން ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން އިސްލާހު ހުށަހަޅާފައިވެ އެވެ.
ޓެކްސް ބޮޑުކުރާ ބިލުތައް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ