ގާސިމް ނޫނީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ބޭނުންވާ ކަންކަން ކޮށްދެވޭނެ ލީޑަރަކު ނެތް: އަމީން

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނޫނީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވޭނެ ދެވަނަ އެހެން އެއްވެސް ލީޑަރެއް ދިވެހިރާއްޖެއިން ފެނާކަށް ނެތްކަމަށް އެމަނިކުފާނުގެ ރަނިންގްމޭޓު ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އާއިއެކު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، މިއަދު ރާއްޖޭގެ އެކި އުމުރުފުރައިގެ ރައްޔިތުންވެސް ދަނީ ބޮޑު ބަދަލަކަށް އެދެމުންކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ތިބީ އިސްލާހީ ހެޔޮ ބަދަލަކަށް ބޭނުންވެފައިކަމަށެވެ. އަމީން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އުންމީދުގެ ބޭނުންޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ ހިންގުމަށްޓަކައި ދިވެހި ރައްޔިތުންނަށް އިތުބާރުކުރެވޭ ރަނގަޅު ލީޑަރޝިޕެއްގެ ބޭނުންވެސް ޖެހިފައިވާކަމަށެވެ.
އަމީން ވިދާޅުވީ، ގައުމުގެ އިސްލާހަށްޓަކައި ރައްޔިތުން ރޮއެ ރޮއެ އެދި އެދި ތިބި ފުރުސަތު ހޯދަން ދިވެހި އެންމެހާ ރައްޔިތުން ނުކުންނަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، މިވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި ލީޑަރުންނަށް ބަލާއިރު އަދި ހާއްސަކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ލީޑަރުންނަށް ބަލާއިރު، ގާސިމް އަކީ ޝައްކެއްވެސް ނެތް ގޮތުގައި ދިވެހި ރައްޔިތުން ބޭނުންވާ ފެންވަރުގައި ބޭނުންވާ ގޮތަށް ކަންކަން ކުރެއްވޭނެ ލީޑަރަކަމަށާއި އެ ނޫން މީހަކު ނެތްކަމަށްވެސް އަމީން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް އުންމީދެއް ގެނެސްދޭނެ ނަމަ އެ އުންމީދެއްވެސް ގެނެސްދެއްވާނީ ގާސިމް ކަމަށެވެ. އަމީން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދެއްވާނެ ނަމަ އެ ކަމެއްވެސް ކުރައްވާނެ ލީޑަރަކީ ގާސިމްކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިދެއްވާނެ ލީޑަރަކީވެސް ގާސިމްކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ހަމަޖެހުމަކަށް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެ ކެނޑިޑޭޓަކީ ގާސިމްކަމަށެވެ.
އަމީން ވިދާޅުވީ، މިވަގުތަކީ ޝައްކުކުރުމުގެ ވަގުތު ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ އެންމެހާ ފަރާތްތަކަށް ގާސިމްގެ ފަހަތަށް އަރާވަޑައިގަތުމަށް އިލްތިމާޒްކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ އިސްލާހުކުރުމާއި ތަރައްގީކުރުން އަދި ކުރިއެރުވުމުގެ ޒިންމާ ވަކިވަކި ފަރުދުންގެ މައްޗަށް އެޅިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، މަސްއޫލިއްޔަތެއް އޮތްކަމަށާއި އެހެންކަމުން ނަތީޖާއެއް ނެެރުއްވުމަށް ގާސިމްގެ ފަހަތަށް އަރާވަޑައިގަތުމަށް އެންމެހާ ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ