މައުމޫނު ޕާޓީގެ ރައީސް ކަމުން ވަކިކުރާ މައްސަލަ ކޯޓުން ނަގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ވަކިކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ. ޕީޕީއެމްގެ ދެ މަޖިލިސް މެމްބަރަކު ހުށަހެޅުއްވި އެ މައްސަލަ މިއަދު 3:30 އަށް ސިވިލް ކޯޓުގެ ވެބްސައިޓުގައި ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ކައުންސިލް ބޭއްވުމުގެ ހުއްދައަށް އެދި އެބޭފުޅުން ހުށަހެޅި މައްސަލާގައި މިއަދު ހުކުމް ކުރި ފަހުންނެވެ. މިއަދު ޕީޕީއެމް ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދިޔައީ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ. ޕީޕީއެމްގެ ކައުންސިލް ނުބާއްވާތީ ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ކުރި ހުކުމުގައި އަމުރުކޮށްފައި ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށެވެ. އެގޮތަށް ހުކުމްކޮށްފައި ވަނީ ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބޭއްވުމަށް އަމުރު ކޮށްދެއްވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. މިހާރު ޕީޕީއެމަށް ދިމާވެފައިވާ ހާލަތަކީ ޕާޓީގައި ރައީސަކު ނެތުމެކޭ އެއްފަދަ ހާލަތެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ޕީޕީއެމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޕާޓީއެއްކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ކަމެއް ބަލަހައްޓައި ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ