ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން “ދަޑިމޮކްރެޓްސް” ލަފާދިނުމަކީ މަފްހޫމްތައް އޮޅުވައިލުން: ޑރ. އަހުމަދު އަބްދުﷲ

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން “ދަޑިމޮކްރެޓްސް” ލަފާދިނުމަކީ ނުވަތަ ގޮވާލުމަކީ އަނެއްކާވެސް މަފްހޫމްތައް އޮޅުވައިލުން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޑރ. އަހުމަދު އަބްދުﷲ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސިޔާސީ ނިޒާމުތަކުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކީ ބަޔަކުމީހުން ހަމަ ބުނެލާއިރަށް އުފައްދާ ސަރުކާރެއް ނޫންކަމަށެވެ އެއީ ގައުމަށް ކުރިމަތިވެފައިވާ ނުރައްކާ ތަކަކުން ނުވަތަ ސިޔާސީ ހަމަނުޖެހުން ފަދަ އިމަޖެންސީ ހާލަތްތަކަކުން އަރައިގަތުމަށްޓަކައި އުފައްދާ ސަރުކާރެއް ކަމަށާ އެފަދަ ސަރުކާރެއް އުފައްދަންޖެހޭ ހާލަތެއް ދިވެހި ގައުމަށް މިވަގުތު މެދުވެރިވެފައި ނުވާކަމަށެވެ.
މީގެ އިތުރުން ޑރ. އަހުމަދު އަބްދުﷲ ވިދާޅުވީ ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ހޮވާފައިވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އެކުލަވާލުމުގައި، ގާނޫނު އަސާސީން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރާއި އިހުތިޔާރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަން ޔަގީންކުރައްވާ ކަމަށެވެ.
ޑރ. އަހުމަދު އަބްދުﷲ މިހެން ވިދާޅުވެފައިވާއިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސް ގެ 'ހިއްސާ' ވެސް އޮންނާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ޕީއެންސީ/ޕީޕީއެމްގެ ލީޑާޝިޕް އާއި އެކުވެސް ޑިމޮކްރެޓްސް އިން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި އަދުލު އިންސާފު ގާއިމުވެފައި އޮތް، ރަނގަޅު ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ