ވިލިމާލޭގެ ކަރަންޓުގެ ނިޒާމު ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށް ސްޓެލްކޯއާ ހަވާލުކޮށްފި

ވިލިމާލޭގެ ކަރަންޓު ހާލަތު ދެނެގަނެ، އެ ނިޒާމު ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތުގެ ދިރާސާއެއް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
އެ އެއްބަސްވުމުގެ ދަށުން ވިލިމާލެއަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް ބޭނުންވާ ކަރަންޓް ޑިމާންޑާއި އެ އަވަށުގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗާގެ ހާލަތާއި އެ އިންފްރާންސްޓްރަކްޗާގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައެޅުމަށް ދިރާސާއެއް ސްޓެލްކޯ އިން ހަދާނެއެވެ.
އޭގެ އިތުރުން އެ ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗާ މަރާމާތު ކުރުމަށާއި އަޕްގްރޭޑް ކުރުމަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދަދާއި އެކަމަށް މަޝްރޫއުއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒު ކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް ސްޓެލްކޯ އިން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
އެ ދިރާސާތައްކޮށް ނިންމުމަށް ސްޓެލްކޯއަށް ދީފައިވާ މުއްދަތަކީ ތިން މަސް ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ