ފަލަސްތީނާ ގުޅޭ އެއްވެސް އިވެންޓެއްގައި ޝަހީދު ލެގަސީއިން މިއުޒިކް ނުކުޅޭނެ

ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ބާއްވާ އެއްވެސް އިވެންޓެއްގައި މިއުޒިކް ކުޅެން ބޭނުން ނުވާ ކަމަށް ރާއްޖޭގެ މަޝްހޫރު މިއުޒީޝަން އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ބުނެފިއެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް އެކި ފަރާތްތަކުން އަންނަނީ ރާއްޖޭގައި ބޮޑެތި ފަންޑް ރެއިޒިން އިވެންޓްތައް ބާއްވަމުންނެވެ. އެގޮތުން ދިވެހި ތަރީން ކުރިއަށް ގެންދާ ބޮޑު އިވެންޓަކީ ފާހަގަ ކޮށްލެވޭ އިވެންޓެކެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ މިއުޒީޝަނުން ވަނީ ފަންޑް ރެއިޒިން އިވެންޓެއްގެ ގޮތުގައި ބޮޑު މިއުޒިކް ޝޯއެއް ރޭ ބާއްވާފައެވެ. "ފަލަސްތީނާއެކު ފަންނާނުން"ގެ ނަމުގައި ކުރިއަށް ގެންދިޔަ އިވެންޓުގައި ރާއްޖޭގެ ގިނަ މިއުޒީޝަނުން ވަނީ ބައިވެރިވެފައެވެ. މި އިވެންޓުން ލިބޭ ހުރިހާ ފައިދާއެއް ދޭނީ ފަލަސްތީނަށެވެ. މިފަދަ އިވެންޓުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޝަހީދު ލެގަސީ ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިފަދަ އިވެންޓެއްގައި އެއްވެސް ގޮތެއްގައި ޕަފޯމް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ޑޮނޭޝަންގެ ގޮތުގައި ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. މިއުޒީޝަނަކަށްވެ ހުރެ ލިބިފައިވާ ޕްލެޓްފޯމްގެ މުހިއްމުކަން ފާހަގަކޮށް އޭނާ ބުނީ، ޕްލެޓްފޯމްތައް ބޭނުން ކުރާނީ މިހާރު ފަލަސްތީނަށް ކުރިމަތިވަމުންދާ އަނިޔާވެރި ހާލަތްތަކާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގައި އަޑު އުފުލައި ވާހަކަ ދެއްކުމަށް ޕްލެޓްފޯމް ބޭނުން ކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި، މިފަދަ ދަނޑިވަޅެއްގައި މިއުޒިކް ކުޅެ ޕަފޯމް ކުރުން އެންމެ އެކަށީގެނެއް ނުވެއެވެ. އެގޮތުން ޣައްޒާގެ އެތައް ބަޔަކު ޝަހީދުކުރަމުންދާއިރު އެއްވެސް މިއުޒިކް އިވެންޓެއްގައި ހަރަކާތްތެރިވާނެ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށް އޭނާ ބުންޏެވެ. މި ދަނޑިވަޅުގައި އެންމެ މުހިއްމު ވަނީ ޣައްޒާގެ ހާލަތާ ގުޅޭގޮތުން ވީހާ ވެސް ގިނައިން ވާހަކަ ދައްކައި، ހޭލުންތެރި ކުރުން ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ