ރައީސަށް ތާއީދުކުރާ އާޓިސްޓުންނާ އެކު ބައްދަލު ކުރައްވައިފި
ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމަވާފައިވާ އާޓިސްޓުނާ އެކު އެ މަނިކުފާނު މިއަދު ބައްދަލުކުރައްވައިފިއެވެ. ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަންނާނުންނާއި، މިޔުޒީޝަނުން އަދި، ފޮޓޯގްރަފަރުން އަދި ކުރެހުންތެރިން ހިމެނޭހެން ގިނަ އަދަދެއްގެ ފަންނާނުން ވަނީ ރައީސްއަށް ތާއީދުކުރުމަށް ނިންމަވާފައެވެ. އެ ފަންނާނުންނާ ބައްދަލުކުރައްވާ މިއަދު ރައީސް ވަނީ ވީހާ ވެސް ގިނަ ބަޔަކު އެ މަނިކުފާނަށް ވޯޓުލުމަށް ބާރުއަޅުއްވައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އާޓިސްޓުން ވަނީ ރައީސްގެ ވެރިކަމުގައި އެ ދާއިރާ ކުރިއެރުވުމަށް ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ. އެގޮތުން، އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި، އާޓް ގެލެރީ ތަރައްގީ ކުރުމަށް ކޮށްފައިވާ މަސައްކަތް ފާހަގަކުރިއެވެ. މި ސަރުކާރުގައި އޮލިމްޕަސް ތަރައްގީކޮށް ހުޅުވި ފަހުން، އެތަނުގައި ވަނީ 72 ފިލްމް ޝޯ އާއި 21 މިޔުޒިކް ޝޯވ ދައްކާފައެވެ. އެތަން ތަރައްގީކޮށްފައިވަނީ، ޕްރެކްޓިސް ރޫމްތައް ވެސް ހިމަނައިގެންނެވެ. މީގެ އިތުރުން، އާޓް ގެލެރީ ތަރައްގީކުރި ފަހުން 31 މައުރަޒު އެތަނުގައި ބާއްވާފައި ވެއެވެ. އެފުރުޞަތުތަކުގެ ބޭނުން 500 އަށްވުރެ ގިނަ ފަންނުވެރިން ވަނީ ހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ