ހަންޓާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ވަަރަށް ކުޑަ: އެޗްޕީއޭ

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ފެނުނު ހަންޓާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަ މިންވަރަކަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދައި، ހާލަތު މޮނިޓާ ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން އެ ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށާއި، ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ރާއްޖޭގައި ނެތްކަމަށް އެ އެޖެންސީން ބުންޏެވެ.
ހަންޓާވައިރަހަކީ މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި، ބައެއް ފަރާތްތަކަށް އެ ބަލީގެ ނުރައްކާ އޮތް ނަމަވެސް، އާންމު ސިއްހަތަށް އެ ބަލީގެ ސަބަބުން އޮތް ނުރައްކާ ކުޑައެވެ.
މީދަލުގެ ޒަރީއާއިން ފެތުރޭ މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ވަރުބަލިވުމާއި، ގައިގެ މަސްތަކުގައި ރިއްސުމާއި، ހޮޑުލެވުމާއި، ބަނޑުގައި ރިއްސުމާއި، ނޭވާ ކުރުވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ