ބީއެމްއެލްއިން ބައިނަލްއަގުވާމީ 'ނޮންޑީލް ރޯޑްޝޯ' ބައްދަލުވުންތައް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ނިންމާލައިފިއެވެ. މިދިޔަ މަހުގެ އަށަކުން މިއަދަށް އަށް ކުރިއަށްދިޔަ މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ. ބީއެމްއެލްއިން ބުނީ، މިއީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއް ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް --- ފޮޓޯ/ ބީއެމްއެލް ހޯދުމަށް ކަނޑައެޅިފައިވާ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކަމަށް އެ ބެންކުން ބުނެއެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރާކަން ބީއެމްއެލްއިން ފާހަގަކުރިއެވެ. އޭގެއިތުރަށް، މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައި ވަނީ ބޭންކުގެ 43 އަހަރުވީ ތާރީޚުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގައިކަން އެ ބެންކުން ފާހަގަކުރިއެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނުނު ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވިއެވެ. "ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް." އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ